ޚަބަރު

ކުޑަކުދިންގެ ވާހަކަފޮތް "ބޮސް އޮފް މައި ބޮޑީ" އިފްތިތާޙްކޮށްފި


އަނިޔާއިން ރައްކާތެރިކުރުމާ ގުޅޭ ގިނަ މަޢުލޫމާތު ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ "ބޮސް އޮފް މައި ބޮޑީ" ކުޑަކުދިންގެ ވާހަކަފޮތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، މިއަދު ހެނދުނު އިފްތިތާޙްކޮށްދެއްވައިފިއެވެ.

މިއީ ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަހާ ގުޅުވައިގެން އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ޔުނިސެފުން ގުޅިގެން ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ވާހަކަފޮތެކެވެ.

ހުޅުމާލޭގައި ހުންނަ ފޮތް ގާޑިޔާގައި އިފްތިތާޙްކުރި މި ފޮތަކީ އަނިޔާއިން ރައްކާތެރިކުރުމާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ހިމަނައިގެން އުމުރުން ހަތަރު އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ފޮތެކެވެ.

މި ފޮތް އިފްތިތާޙްކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި ހަފްލާގައި ބައިވެރިވި ކުދިންނަށް މި ފޮތް ވިދާޅުވެދެއްވާފައެވެ. އަދި އެކަމަނާ ވަނީ މިފަދަ ފޮތެއްގެ މުހިންމުކަން ފާހަގަކުރައްވާ އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

"ބޮސް އޮފް މައި ބޮޑީ" ފޮތުގެ މަޤްޞަދަކީ ކުޑަކުދިންނަށް ރައްކާތެރި އަދި ރައްކާތެރި ނޫން ބީހުމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް އެހީތެރިވެދިނުމެވެ. މި ފޮތުގައި އެ މައުޟޫޢާ ގުޅުންހުރި ގިނަ މަޢުލޫމާތުތަކެއް ހިމަނާފައިވެއެވެ. މި ފޮތުގައިވާ ގޮތުން ކޮންމެ ކުއްޖެއްގެ ބޭނުންތަކާއި އެކުއްޖަކު ދެކޭގޮތުގެ އިތުރުން ކޮންމެ އާއިލާއެއްގެ ވެސް ބޭނުންތަކާއި ދެކޭގޮތުގެ މައްޗަށް ބިނާކޮށް އެކިކުދިންގެ ވާހަކަތައް ތަފާތުވާނެއެވެ. އަދި މި ފޮތުގައިވާ ގޮތުން ފޮތުގައި ހިމެނޭ ބައެއް ބައިތަކަކީ ގިނަ ދުވަސްތަކެއް ވަންދެން ހިފަހައްޓާފައިވާ އިޖުތިމާޢީ އަދި ޢާއިލީ މިންގަނޑުތަކަށް ގޮންޖެހުންތަކެއް ހުރެދާނެ ބައިތަކެކެވެ.