ޚަބަރު

2019ގެ އޯލެވެލްއިން ރާއްޖޭގެ 5 ދަރިވަރަކަށް ދުނިޔޭގެ 1 ވަނަ

2019 ވަނަ އަހަރު ބޭއްވި އޯލެވެލް އިމްތިހާނުގައި ދުނިޔޭގެ 1 ވަނައިގައި ހިމެނުނު 5 ދަރިވަރުންނަށާއި ގަދަ 10 ގައި ހިމެނުނު 419 ދަރިވަރުންނަށް އިނާމާއި އެވޯޑް ހަވާލުކޮށްފިއެވެ.

މި ދަރިވަރުންނަށް އިނާމާއި އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ނައިބް ރައީސް ފައިސަލް ނަޞީމާއި ވަޒީރުންނެވެ.

މިރަސްމިޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވަނީ ދަރިވަރުން މޮޅުވާނެ މިންވަރާ މެދު ޤައުމީ ނަޒަރުންނާއި މުދައްރސިުންގެ އަންދާޒާއާއި ބެލެނިވެރިން ހީކުރާގޮތް ދަށްނަމަ ދަރިވަރުންގެ ފެންވަރު ރަނގަޅު ނުވާނެކަން ފާހަގަކުރައްވާފައެވެ. އަދި އެކުދިންނަށް ދެވޭނެ އެންމެކުރިއަކަށް އެކުދިންގެ ތަބީޢީ ޤާބިލްކަމަށް އެކުދިން ވާޞިލެއް ނުވާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ދިވެހި ދަރިވަރުންނަށް ކުރާ އުންމީދު މަތިކުރުމަށް ގޮވާލައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ޘާނަވީ ފެންވަރުގައި ފުޅާ ތަޢުލީމީ ބިންގަލެއް އެޅުމަކީ އެކުދިންގެ މުސްތަޤްބަލް ހަރުދަނާވެ ފަހިވެގެންދާނެ ކަމެއްކަމަށެވެ. އަދި ދަރިވަރުންނާ މެދު ކުރާ އުންމީދުތައް މަތިކުރާނަމަ އެކުދިން އެ މިންގަނޑުތަކަށް ވާޞިލްވެވޭތޯ މަސައްކަތް ކުރާނެކަމަށެވެ.

"ބޭރުގެ ސާނަވީ އިމްތިހާން ފެށުނީއްސުރެ ދިވެހި ދަރިވަރުން ސާނަވީ ތަޢުލީމް ހާސިލް ކުރަމުން އަންނަނީ އިނގިރޭސި ބަހުން. ރާއްޖޭގެ ތަޢުލީމު ކުރިއަރާނީ ބެލެނިވެރިންނާއި މުދައްރިސުންނާއި ނާޒިރުން، ދަރިވަރުންނާ މެދު ދެކޭ ގޮތް ކުރިއަރުވައިގެން. "މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު އަލީ ވިދާޅުވިއެވެ.

2019ވަނަ އަހަރުގެ އޯލެވެލްއާއި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރޭގައި 419 ދަރިވަރަކު ވަނީ ގަދަ 10ގައި ހިމެނިފައެވެ. އަދި އޭގެ ތެރެއިން 28 ދަރިވަރަކު ޤައުމީ ގަދަ 10ގެ އެއްވަނައިގައި ހިމެނުނު އިރު 5 ދަރިވަރަކު ވަނީ ދުނިޔެއިން 1ވަނަ ހާސިލްކޮށްފައެވެ. މީގެ އިތުރުން 42 ދަރިވަރަކު ދުނިޔޭގެ އެކި ވަނަތަކުގައި ހިމެނުނެވެ. އަދި 11 ދަރިވަރަކު ވަނީ ހައި އެޗީވްމަންޓް ހާސިލްކޮށްފައެވެ.

2019ވަނަ އަހަރު މި އިމްތިހާންތަކުގައި ޖުމުލަ 4987 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 2538 ފިރިހެން ދަރިވަރުންނާއި 2449 އަންހެން ދަރިވަރުންނެވެ. މި ދަރިވަރުންގެ ތެރެއިން 3 މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު ވަނީ %67 އަށް އަރާފައެވެ. އަދި 5 މާއްދާއަށް ވުރެ ގިނަ މާއްދާތަކުން ފާސްވި ދަރިވަރުންގެ އަދަދު އުޅެނީ %68.3 ގައެވެ.