ޤައުމީ އުފެއްދުންތެރިކަމުގެ މަޢުރަޒު ނުވަތަ އެކްސްޕޯ މޯލްޑިވްސް ދެހާސް ފަނަރައިގައި ބައިވެރިކޮށްފައިވާ ތަކެތި ގަތުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ހާމަކުރައްވާ ގޮތުގައި މި މައުރަޒުގައި ހުރި ތަކެތީގެ ތެރެއިން އެ އެއްޗެއް އުފައްދައި ބައިވެރިކުރި ފަރާތަކުން ވިއްކާގޮތަށް ބަހައްޓާފައި ހުރި އެއްޗެހި ގަތުމުގެ ފުރުޞަތު މަޢުރަޒު ހުޅުވިފައި ހުންނަ ގަޑިތަކުގައި އޮންނާނެއެވެ. އެހެންނަމަވެސް ތަކެތި ގަންނަ ފަރާތްތަކަށް އެތަކެތި ދޫކުރައްވާނީ މަޢުރަޒު ނިމުމުން، މިމަހުގެ 29 ގައެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މަޢުރަޒް ކުރިޔަށް ގެންދަވާނީ މި ޑިސެމްބަރ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މިހާރުވެސް ސަރުކާރުގެ އެކި ވުޒާރާތަކާއި ޢާންމުން ތަކެތި ރިޒާވް ކުރަމުންދާކަން އިކޮނިމިކް މިނިސްޓްރީގެ އެކްޒެކެޓިވް ކޯޑިނޭޓަރ އިބްރާހިމް ޔޫސުފް ފާހަގަކުރެއްވިއެވެ.އެކްސްޕޯ މޯލްޑިވްސް މޯލްޑިވްސް 2015 ގައި ބައިވެރިކކޮށްފައި ހުރި އެއްޗިހީގެ ތެރޭގައި ވިއްކުމުގެ ބަދަލުގައި، ދައްކާލުމުގެ ބޭނުމުގައި ބައިވެރިކޮށްފައި ހުންނަ އެއްޗިހިވެސް އެބަހުއްޓެވެ. ޢާންމުކޮށް ތަކެތި ގަންނައިރު ތަކެތި އުފައްދާ މީހާއާ ބައްދަލުނުވެ، ތިންވަނަ ފަރާތެއް މެދުވެރިކޮށް ތަކެތި ގަންނަން ޖެހުނުނަމަވެސް މި މަޢުރަޒުގައި، އެ އެއްޗެއް އުފެއްދި މީހާއާ ބައްދަލުވުމުގެ ފުރުޞަތު ލިބުމަކީ، މަޢުރަޒުގެ ތެރޭގައި ހިންގާ އެންމެ ފާހަގަކޮށްލެވޭ އެއްކަންތަކެވެ. މިފަދަ މުޢާމަލާތުތައް ކުރުމުގެ މަގުފަހިކޮށްދެއްވުމަކީ މިފަހަރުގެ މަޢުރަޒުގެ އެއް ބޭނުންވެސްމެއެވެ. މިގޮތުން ތަކެތި އުފެއްދި މީހާއާ ބައްދަލުކޮށް، މަޢުރަޒްގައި ހުރި ބާވަތުގެ އެއްޗެހި، މުދާ ގަންނަ ފަރާތުން ބޭނުންވާ ބަދަލަކާއެކު އުފެއްދުމަށް އޯޑަރުދިނުމާއި އަދި އެ އެއްޗެއް އެ ފަރާތަކުން ބޭނުންވާ ވަރަކަށް މަޢުރަޒުން ލިބެން ނުހުންނާނެތީ، ބޭނުންވާ ޢަދަދަކަށް އޯޑަރު ދިނުމާއި އުފައްދާ ފަރާތާއި ގަންނަ ފަރާތާ ދެމެދު އުފައްދަން ބޭނުންވާ ވިޔަފާރީގެ ދެމެހެއްޓެނިވި ގުޅުން އުފެއްދުމުގެ ފުރުޞަތު މި މަޢުރަޒުން ވަނީ ފަހިވެފައެވެ.މައުރަޒު ހުޅުވިފައި ހުންނަ ގަޑިތަކަށް ބަލާއިރު ކޮންމެ ދުވަހެއްގެ ހެނދުނު ނުވަޔަކުން މެންދުރު ބާރައަށް، އަދި މެންދުރު ދެޔަކުން ފެށިގެން އިރުއޮއްސި ހަޔަކަށް މައުރަޒު ހުޅުވިފައި ހުންނާނެއެވެ. އަދި ރޭގަނޑު 8 ން 11:30 އަށްވެސް މައުރަޒު ހުޅުވިފައި ހުންނާނެއެވެ.