ޚަބަރު

ސިފައިންގެ އޮފިސަރަކު ހިފަހައްޓައި އަނިޔާކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންފަށައިފި


މާލޭގައި ސިފައިންގެ އޮފިސަރަކު ރަހީނުކޮށް ފައިސާ ފޭރިގަތް މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަންފަށައިފިއެވެ.

ރޭގެ ދަންވަރުގެ ވަގުތެއްގައި ހިފަހައްޓައި ބޮޑެތި އަނިޔާތަކެއްދީފައިވަނީ އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑުގައި މަސައްކަތްކުރާ ސާޖަންޓް ޙަސަން ފަހީމްކަމަށާ، އޭނާ ރަހީނުކޮށް އަނިޔާތަކެއް ދީފައިވާކަން އެމްއެންޑީއެފުންވަނީ ހާމަަކޮށްފައެވެ.

37 އަހަރުގެ ސާޖަންޓް ޙަސަން ފަހީމަށް ފުރަތަމަ ހަމަލާދީފައިވަނީ މާފަންނު އޭސް ހާޑްވެއާ ކައިރީގައި އޮންނަ ހަނި ގޯޅިން ހިނގާފައި ދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެތަނުން އޭނާ ހިފަހައްޓައި ރަހީނުކުރީ ފައިސާ ހޯދުމަށްކަމަށް ބެލެވޭއިރު، ރެއިން ފެށިގެން ހެނދުނާ ހަމައަށް އޭނާ ތަނަކަށް ގެންގޮސް ފައިސާ ހޯދަން ބަޔަކު ކުރި މަސައްކަތް ކާމިޔާބު ނުވުމުން އެމީހުން ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އައިޖީއެމްއެޗް ކައިރިއަށް ގެންގޮސް މަގުމައްޗަށް އޭނާ ވައްޓާލާފައިކަމަށް ޢާއިލާހާ ހަވާލާދީ ބައެއް ނޫސްތަކުގައިވަނީ ރިޕޯޓުކޮށްފައެވެ.

ސްޓާފް ސާޖަންޓް ޙަސަން ފަހީމަށް ލިބިފައިވާ ޒަޚަމްތަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު، އިތުރު ޓެސްޓުތަކެއް ހަަދަައި މިހާރުވަނީ ގެއަށް ދޫކޮށްލާފައެވެ.

މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން މިހާރުވަނީ ބަލަން ފަށާފައެވެ. ފުލުހުން ވިދާޅުވީ، އަނިޔާތަކެއް ލިބިފައިވާ ދިވެހި ފިރިހެނަކު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުންދާކަމުގެ މަޢުލޫމާތު މިއަދު ހެނދުނު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

މިއީ މީހަކު ރަހީނުކޮށް އަނިޔާކޮށް ފައިސާއާއި ފޯނު ފޭރިގެންފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްކަމާއި މިކަމާގުޅިގެން އިތުރަން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އަދި މިކަމާގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

ރޭގެ ދަންވަރުގެ ވަގުތެއްގައި ސްޓާފް ސާޖަންޓް ޙަސަން ފަހީމް، ރަހީނުކޮށް އަނިޔާތަކެއް ދީފައިވާތީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުންވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނޫސްބަޔާނެއް ނެރުއްވާފައެވެ.

މިބަޔާނުގައި ޤައުމީ ދިފަޢި ބާރުންވަނީ މި އަނިޔާވެރި ހަމަލާ ދިނުމުގައި ބައިވެރިވި ފަރާތްތައް ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުންގެ ޚިދުމަތުންކުރަމުންދާކަމަށް ވިދާޅުވެފައެވެ.

ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ނުރައްކަލުގެ ތެރެއަށް ގެންދަން މަސައްކަތްކުރާ ފަރާތްތަކުން ކުރަމުންދާ ޢަމަލުތަކަކީ އެއްވެސް ފަރާތަކުން ޖާގަ ދެވިގެންވާނެ ޢަމަލުތަކެއް ނޫންކަމަށާ، ސިފައިންނަށް ދޭ މިފަދަ ފިނޑި ހަމަލާތަކުގެ ސަބަބުން ޤައުމީ ޚިދުމަތުގައި ސިފައިން ކުރަމުންދާ މަސައްކަތަށް އެއްވެސް ލޮޅުމެއް އަރުވައި ނުލެވޭނެކަމަށެވެ.

ސްޓާފް ސާޖަންޓް ޙަސަން ފަހީމަށް ޙަމަލާ ދިނުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއަށް ގުޅުއްވައި ސްޓާފް ސާޖަންޓް ޙަސަން ފަހީމްގެ ހާލު ބެއްލަވާލައްވާފައެވެ.

އަދި ޑިފެންސް މިނިސްޓަރވަނީ ސްޓާފް ސާޖަންޓް ޙަސަން ފަހީމްގެ އަނބިކަނބަލުންނަށް ފޯނުންގުޅުއްވައި، މިކަމުގައި ވެދެއްވެންހުރި ހުރިހާ އެހީތެރިން ސަރުކާރުން ވެދެއްވާނެކަމުގެ ޔަޤީންކަން ޢާއިލާއަށްދެއްވާފައިކަމަށް އެމްއެެންޑީއެފުން ވިދާޅުވިއެވެ.

އަދި އެމް.އެން.ޑީ.އެފްގެ ސީނިއަރ ލީޑަޝިޕުން ވަނީ މިއަދު ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި، ސްޓާފް ސާޖަންޓް ޙަސަން ފަހީމްގެ ހާލު ބައްލަވާ ލައްވާފައެވެ.