ޚަބަރު

2 މަސްތެރޭ 6 ލައްކައަށްވުރެ ގިނަ ރުފިޔާ އޮޅުވާލައިގެން ފޭރިގެންފި


މިދިޔަ ދެމަހެއްހާ ދުވަހުގެތެރޭގައި މަކަރާ
ހީލަތުން 6 ލައްކައަށްވުރެ ގިނަ ރުފިޔާ އެކި މީހުންގެ އަތުން ފޭރިގަނެފައިވާކަމަށް
ފުލުހުން ހާމަކުރައްވައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން
ވިދާޅުވީ މިފައިސާއަކީ މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފުލުހުންނަށް
ހުށަހެޅިފައިވާ މިފަދަ މައްސަލަތަކުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފައިސާކަމަށެވެ.
އަދި މިއީ ހަމައެކަނި މާލެއިން ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ފޭރިގެންފައިވާ
ކަމަށް ބެލެވޭ ފައިސާގެ ޢަދަދުކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މަކަރާ ހީލަތުން
ފައިސާ ފޭރުމުގެ 65 މައްސަލައެއް ފާއިތުވި 2 މަހެއްހާ ދުވަހުގެތެރޭގައި ފުހުންނަށް
ހުށަހެޅިފައިވާކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް އެފަދަ 350 އަށްވުރެ ގިނަ
މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މިފަދަ
މައްސަލަތަކުގެ ތެރޭގައި އެއްފަހަރާ ލައްކައަކަށްވުރެ ގިނައިން ފައިސާ ފޭރިގެންފައިވާ
މައްސަލަތައްވެސް ހިމެނޭކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ބައެއް އަތޮޅުތަކުގައި
ބޮޑެތި އަދަދުތަކުން ފައިސާ ނެގުމުގެ މައްސަލަތައް ހުށަހެޅިފައިވާކަން ފުލުހުން
ފާހަގަކުރައްވައެވެ.











ފަހަކަށް އައިސް، ނުދަންނަ
ނަމްބަރުތަކުން އެކި ފަރާތްތަކުގެ ނަމުގައި ގުޅައިގެން އޮޅުވާލައިގެން ފައިސާގެ
ބޮޑެތި އަދަދުތައް ދަނީ ފޭރިގަންނަމުންނެވެ. އޮޅުވާލައިގެން މަކަރާ ހީލަތުން
ފައިސާ ހޯދުމުގެ މައްސަލަ ބޮޑުވެ ފުލުހުންނާ ބޭންކް އޮފް މޯލްޑިވްސް އާއި ދިރާގާއި
އުރީދޫއިންވެސް ދަނީ ރައްޔިތުން މިކަމަށް ހޭލުންތެރިކުރުމަށް ނަސޭޙަތްތެރި ވަމުންނެވެ.