ޚަބަރު

ޖަލުތަކުގައި ޑްރަގް ރިހިބިލޓޭޝަން ޕްރޮގްރާމެއް ހިންގަން ތައްޔާރުވެއްޖެ


މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުތަކުގައި ޙުކުމް ތަންފީޛު ކުރަމުންދާ ޤައިދީންނަށް ޚާއްޞަކޮށް ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމާގުޅޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އާއި ނޭޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅެވެ. އެން.ޑީ.އޭގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ސީއީއޯ މުޙައްމަދު ރަމީޒެއެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲވަނީ ބައިވެރިވެވަޑައިގެންނަވާފައެވެ.

ޖަލުތަކުގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޙުކުމް ތަންފީޛު ކުރަމުންދާ ޤައިދީންނަށް ޚާއްޞަކޮށް ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމަށް އެއްބަސްވެފައިވަނީ އެއް އަހަރުގެ މުއްދަތަކަމަށެވެ. މިއެއްބަސްވުމާއެކު މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުގައި ޙުކުމް ތަންފީޛުކުރަމުންގެންދާ ޤައިދީންނަށް ޚާއްޞަކޮށް ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގުރާމްތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މީގެ ދަށުން މަސްތުވާތަކެތި ބޭނުންކޮށްފައިވާ ޤައިދީންގެ ހަށިގަނޑުން މަސްތުވާތެކތީގެ ވިހަ ފިލުވުމައްޓަކާ ޖަލުގައި ޤައިދީން ބައިތިއްބައިގެންދެވޭ ފަރުވާއެކެވެ. 2011 ވަނަ އަހަރު ޢަމަލުކުރަން ފަށާފައިވާ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން މިއީ ކޮންމެހެން ކުރަންޖެހޭކަމެކެވެ. މިއީ ޤަނޫނު ވުޖޫދަށް އައިފަހުން މިޕްރޮގްރާމް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.

ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގާނީ އެ ކަމަށް ޚާއްޞަކުރެވިގެން ތަމްރީނުކުރެވޭ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޑޮކްޓަރުންނާއި ނަރުހުންނާއި ކައުންސެލަރުންނާއި ކޭސްވޯކަރުންނާއި ޕްރިޒަން އޮފިސަރުންގެ ފަރާތުންކަމަށް ކަރެކްޝަނަލް ސަރވިސަސްއިން ވިދާޅުވެއެވެ. މީގެ އިތުރުން އިންހައުސް ނުވަތަ ރެސިޑެންޝަލް ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު ބައިވެރިންނަށް ބޭނުންވާނެ އާފްޓަރކެއަރ ޕްރޮގްރާމާއި ޕްރޮގްރާމްގެ ސަސްޓައިނަބިލިޓީ ކަށަވަރުކުރުމަށްޓަކައި، ޑޭޓާ އެއްކުރުމާއި އެ ޑޭޓާގެ މައްޗަށް ބިނާކޮށް ޕްރޮގްރާމް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ބަދަލުގެނައުމާއި، މުޖުތަމަޢަށް ނުކުންނަ ފަރާތްތައް މޮނިޓަރ ކުރެވޭނެ އުޞޫލުތައް ކަނޑައެޅުމަށް ވެސް މިއެއްބަސްވުމުގައިވަނީ ބާރުއަޅާފައެވެ.

ކަރެކްޝަންސްގެ މަސްއޫލިއްޔަތު

  • ޤައިދީންނަށް ހިންގުމަށް ހަމޖެހިފައިވާ ޕްރޮގްރާމްތައް ހިނގުމަށް ވަކި ތަނެއް ހަމަޖެއްސުން
  • ކަރެކްޝަންސްއިން ކުރާ މުޢާމަލާތްތައް ކުރުމަށާއި އިންތިޒާމްތައް ހަމަޖެއްސުމަށް ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މުވައްޒަފަކު ހަމަޖެއްސުން
  • ޕްރޮގްރާމް ހިންގުމަށް ބޭނުންވާ މުވައްޒަފުންނާއި އޮފިސަރުން ހަމަޖެއްސުން
  • ޝަރުޠު ހަމަވާ ޤައިދީން ކަނޑައަޅުން / ބައިވެރިކުރާނެ ޤައިދީން ކަނޑައެޅުން
  • ޕްރޮގްރާމް ހިންގުމަށް ޙަރަކާތްތެރިވާ އޮފިސަރުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީން ފޯރުކޮށްދިނުން
  • ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ވަޞީލަތްތަކާއި ސާމާނު ހޯދުން
  • ޤައިދީންނަށް ހިންގޭ ޕްރޮގްރާމުގެ މަޢުލޫމާތު ކޮންމެ ހަފްތާއަކުވެސް އެން.ޑީ.އޭއާ ހިއްސާކުރުން

އެން.ޑީ.އޭގެ މަސްއޫލިއްޔަތު

  • އެން.ޑީ.އޭގެ ފަރާތުން ކުރިއަށްގެންދާ މުޢާމަލާތްތަކަށް ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މުވައްޒަފަކު ހަމަޖެއްސުން
  • ޕްރޮގްރާމް ހިންގުމަށް ކަރެކްޝަންސްއިން ކަނޑައަޅާ އޮފިސަރުންނާއި މުވައްޒަފުންނަށް( ޑޮކްޓަރުން، ނަރުހުން، ކައުންސެލަރުން، ކޭސްވޯކަރުން، ޕްރިޒަންސް އޮފިސަރުން) ބޭނުންވާ ތަމްރީނާއި މަޢުލޫމާތު ފޯރުކޮށްދިނުން
  • އެ.ސީއެސްގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންގެ ( ޑޮކްޓަރުން، ނަރުހުން، ކައުންސެލަރުން، ކޭސްވޯކަރުން)ގެ މަސައްކަތް މޮނީޓަރކުރާނެ މުވައްޒަފަކު ކަނޑައެޅުން
  • ޕްރޮގްރާމް ކުރިއަށްގެންދިޔުމަށް އެ.ސީއެސްގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންގެ ( ޑޮކްޓަރުން، ނަރުހުން، ކައުންސެލަރުން، ކޭސްވޯކަރުން)ގެ މަސައްކަތް މޮނީޓަރކުރާނެ އުސޫލެއް ކަނޑައެޅުން
  • ޕްރޮގްރާމްގެ މަޤްސަދު ޙާސިލްވޭތޯ ބެލުން
  • ޕައިލެޓް ޕްރޮގްރަމް ފެށޭތާ 3 މަސްދުވަހުގެ ތެރޭގައި އިވެލުއޭޓްކޮށް ރިވިއުކުރުން
  • ޕްރޮގްރަމް ހިންގުމަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝަދު ފޯރުކޮށްދިނުން

ކަރެކްޝަނަލް ސަރވިސަސްއިން ހާމަކުރައްވާގޮތުގައި ޖަލުތަކުގައި ޙުކުމް ތަންފީޛުކުރަމުންގެންދާ ޤައިދީންގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ޙުކުމްކޮށްފައިވާ ފަރާތްތަކެވެ. މިގޮތުން 2021ގައި ޖަލަށް ޙުކުމް ތަންފީޛުކުރުމަށް ގެނެސްފައިވާ ފަރާތަކުގެ ތެރެއިން، އޮކްޓޫބަރު މަހާ ހަމައަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި އަލަށް ޙުކުމްކޮށްފައިވާ 184 ޤައިދީން ވަނީ ޖަލަށް ގެނެސްފައިވާކަމަށް އެއިދާރާއިން ވިދާޅުވެއެވެ. ޖަލުތަކުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަން ފެށުމަކީ، މިފަދަ މައްސަލަތަކުގައި ޙުކުމް ތަންފީޛުކުރަމުންދާ ޤައިދީން އިސްލާހުކޮށް، ޙުކުމްތަންފީޛުކޮށް ނިމޭއިރު ރަނގަޅު ފަރުދުންގެ ގޮތުގައި މުޖްތަމަޢަށް އެފަރާތްތައް ދޫކުރުމަށް އެމްސީއެސްއިން ކުރަމުންދާ މަސައްކަތްތަކަށް ލިބިދޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ވިދާޅުވެއެވެ.