ވިޔަފާރި

ސާވިސްޗާޖާއި ގުޅޭ ލިއެކިއުންތައް މީރާއަށް ހުށަހެޅުމަށް އަންގައިފި


ސާވިސް ޗާޖާއިގުޅޭ މަޢުލޫމާތު މީރާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ލޭބަރ ރިލޭޝަން އޮތޯރިޓީން އަންގައިފިއެވެ.

ލޭބާރ ރިލޭޝަން އޮތޯރިޓީން މިކަމާއި ގުޅިގެން ނެރުނު އިޢުލާނެއްގައި ބުނީ ސާވިސް ޗާޖު ނަގާ ކޮންމެ ވަޒީފާ ދޭ ފަރާތަކުންވެސް އެމަހެއްގައި ސާވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީއާއި، ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި ހައްޤުވާ މިންވަރަކީ ކޮބާ ކަމާއި، ސާވިސް ޗާޖުގެ ގޮތުގައި ދިން އަދަދު އެނގޭނެހެން ދަޢުލަތުގެ އިދާރާތަކަށް ރިޕޯޓު ކުރަން ވާނެ ކަމަށެވެ.

އެގޮތުން މިމަޢުލޫމާތު ހުށަހެޅަން ޖެހޭނީ ލޭބަރ ރިލޭޝަން އޮތޯރިޓީ އަދި މިރާއަށެވެ.

މީރާއާއި ލެބާރ ރިލޭޝަން އޮތޯރިޓީ ދެމެދު މިދިޔަ އޮކްޓޯބަރުމަހު އެއްބަސްވުމަކަށް ވަނީ އައިސްފައެވެ. މިއެއްބަސްވުމުގެ ދަށުން ޤަނޫނީ ސާވިސް ޗާޖު ނަގާ ކޮންމެ ފަރާތަކުން މީރާއަށާއި، ލޭބާރ ރިލޭޝަން އޮތޯރިޓީއަށް ހުށަހަޅަން ޖެހޭ ލިއެކިއުންތައް މީރާގެ އޮންލައިން ޕޯޓަލް، މީރާ ކަނެކްޓް މެދުވެރިކޮށް ހުށަހެޅުމުން އެ މައުލޫމާތު ލޭބަރ ރިލޭޝަން އޮތޯރިޓީއަށް ފެންނާނެކަމަށް މީރާއިން ބުނެއެވެ. މީގެ އިތުރަށް އެއްބަސްވުމުގެ ދަށުން ލޭބަރ ރިލޭޝަން އޮތޯރިޓީއަށް ދައްކަން ޖެހޭ ޖޫރިމަނާ ފައިސާވެސް މީރާއަށް ބަލައިގަތުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

ސާވީސް ޗާޖުގެ މައުލޫމާތަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ލޭބަރ ރިލޭޝަން އޮތޯރިޓީއަށް ލިބެންޖެހޭ މައުލޫމާތުތަކެވެ. މީގެ ކުރީން އޮތް އުސޫލުގެ ދަށުން މީރާ އަދި ލޭބަރ ރިލޭޝަން އޮތޯރިޓީއަށް މިމައުލޫމާތު ފޯރުކޮށްދޭން ޖެހެއެވެ.

ވަޒީފާއާއި ބެހޭ ޤާނޫނަށް ސަރުކާރުން މިހާރު ގެނެސްފައިވާ އިސްލާހާއިއެކު ސާވިސްޗާޖުގެ ގޮތުގައި ނަގާ އަދަދުގެ މަދުވެގެން 10 އިންސައްތަ މުވައްޒަފުންގެ މެދުގައި ބެހުމަށް ޤާނޫނުން މަޖުބޫރު ކުރެއެވެ. އަދި އަލަށް ރާއްޖޭގައި މިނިމަމް ވޭޖް ކަނޑައެޅުނުއިރު، މިނިމަމް ވޭޖް ގުނާއިރު ސާވިސް ޗާޖު ނުހިމެނޭނެކަންވެސް ސަރުކާރުން ވަނީ ހަމާކޮށްފައެވެ. ވުމާއެކު މިނިމަމް ވޭޖުގެ އިތުރަށް 10 އިންސައްތަ ސާވިސް ޗާޖު ކޮންމެ މުވައްޒަފަކަށްވެސް ލިބުން ލާޒިމް ވާނެއެވެ.