ޚަބަރު

ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 5000އިން މައްޗަށް


ކޯވިޑުން ދިފާޢުވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމުގެ ތެރެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 190 އަށްވުރެ ގިނަ މީހުން ބޫސްޓަރ ޑޯޒް ޖަހައިފިއެވެ.

މިއާއެކު ބޫސްޓަރ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޢަދަދުވަނީ 5000އިން މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ކޯވިޑުން ދިފާޢުވުމަށް ޚާއްސަ ކެޓަގަރީތަކަށް އަމާޒުކޮށްދެމުން އަންނަ ބޫސްޓަރ ޝޮޓު މިވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 191 މީހަކު ވަނީ ފުރިހަމަކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ބޫސްޓަރ ޝޮޓް ޖަހާފައިވާ 113 މީހަކާއި އަތޮޅުތެރެއިން ވެކްސިންގެ 3 ވަނަ ޑޯޒު ޖަހާފައިވާ 78 މީހެކެވެ. މިގޮތުން މިހަތަނަށް ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދުވަނީ 5390އަށް އަރާފައެވެ.

މިވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ވަނީ 194 މީހެކެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 175 މީހަކާއި އަތޮޅުތެރެއިން ވެކްސިން ފުރިހަމަކުރި 19 މީހެކެވެ. މިމީހުންނާއެކު ވެކްސިންގެ ދެޑޯޒު ފުރިހަމަކުރި މީހުންގެ ޢަދަދު ރާއްޖޭގައި ވަނީ 361391 އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް އަންގާރަ ދުވަހު 70 މީހަކު ވަނީ ޖަހާފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ޖެހި 54 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 16 މީހަކު ހިމެނެއެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 395195 އަށް އަރާފައެވެ.

މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވެއެވެ. މީގެއިތުރުން އަތޮޅުތެރޭގެ 176 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.