ވިޔަފާރި

އޮސްޓްރޭލިއާގެ ޓްރެވްމީޑިއާގެ މެންބަރަކަށް އެމްއެމްޕީއާރުސީ


ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ޚަބަރާއި މަޢުލޫމަތު ފެތުރުމުގައި ޙަރަކާތްތެރިވާ އޮސްޓްރޭލިއާގެ ޓްރެވްމީޑިއާގެ މެންބަރަކަށް އެމްއެމްޕީއާރުސީ ވެއްޖެއެވެ.

މޯލްޑިވްސް މަރކެޓިންގ އެންޑު ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، (އެމްއެމްޕީއާރުސީ) ޓްރެވްމީޑިއާގެ މެންބަރަކަށްވުމުގެ މައިގަނޑު މަޤްސަދަކީ އޮސްޓްރޭލިއާގެ ދަތުރުފަތުރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކާ ގުޅުންބަދަހިކޮށް އެޤައުމުގެ ބޯޑަރު އަލުން ހުޅުވާލުމުން، ރާއްޖެއަކީ އެޤައުމުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ މަޤްބޫލް އަދި ރައްކާތެރި މަންޒިލްގެ ގޮތުގައި އިސްތިހާރުކުރުމެވެ.

ޓްރެވްމީޑިއާ އަކީ ފަތުރުވެރިކަމުގެ ދާއިރާގެ ޚަބަރާއި މައުލޫމާތު ފެތުރުމުގައި ޕީއާރު ޕްރޮފެޝަނަލުންނާއި މީޑިއާތަކުގެ މެދުގައި އިތުބާރު ލިބިފައިވާ ނެޓްވޯކެކެވެ. މިނެޓްވޯކްގެ މެންބަރަކަށްވުމުގެ ބޭނުމަކީ އޮސްޓްރޭލިއާގައި ޙަރަކާތްތެރިވާ މީޑިއާތަކާއި، ނޫސްވެރިންނަށް ރާއްޖޭގެ އެންމެ ފަހުގެ މަޢުލޫމާތާއި ޚަބަރު ފޯރުކޮށްދިނުންކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

ޓްރެވްމީޑިއާ މެދުވެރިކޮށް ރާއްޖޭގެ މައުލޫމާތުތައް އީމެއިލާއި ވެބްސައިޓުގެ ޒަރިއްޔާއިން, ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 2200 ފަރާތަށް ފޯރުކޮށްދެވޭނެއެވެ. ޓްރެވްމީޑިއާގެ 12 އޮފީހެއް 9 ޤައުމެއްގައި ހިންގަމުންދެއެވެ.

މި މެންބަރޝިޕުގެ ސަބަބުން އެމްއެމްޕީއާރުސީން އޮސްޓްރޭލިއާގެ ޓްރެވަލް ޓްރޭޑު ޕާޓްނަރުންނަށް ރާއްޖޭގައި ފަތުރުވެރިންގެ ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކާއި، ރާއްޖޭގެ ރިސޯޓު، ހޮޓެލް، ގެސްޓުހައުސް އަދި ލިވްއަބޯޑުތަކުގެ މައުލޫމާތުތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައް އިސްތިހާރުކުރާނެއެވެ.

ޓްރެވްމީޑިއާގެ މެންބަރަކަށް އެމްއެމްޕީއާރުސީ ވެފައިމިވަނީ އޮސްޓްރޭލިއާ މާކެޓުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމަށް ކަނޑައަޅާފައިވާ މާކެޓިންގް ސްރެޓަޖީގެ ދަށުންނެވެ. މީގެ އިތުރުން މި މެންބަރޝިފްގެ ޒަރިއްޔާއިން ރާއްޖެއަކީ ހަމައެކަނި މަތީ ފަންތީގެ ހަނީމޫން ދަތުރުތަށް ކުރުމަށް ޚާއްސަ މަންޒިލެއްގެ ގޮތުގައި އޮސްޓްރޭލިއާ މާކެޓުގައި އާންމުވެފައިވާ ވިސްނުން ބަދދަލުކުރުމަށް މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.