ވިޔަފާރި

މޯލްޑިވްސް ޙަލާލް ޓްރެވަލް ޤަތަރުގެ ޓްރެވެލް މާކެޓަށް


ރާއްޖޭގައި ޙަލާލް ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށްޓަކައި ޤަތަރުގެ ޓްރެވެލް މާކެޓުގައި މޯލްޑިވްސް ޙަލާލް ޓްރެވަލްސްއިން ބައިވެރިވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ އެހީތެރިކަމާއެކު މޯލްޑިވްސް ހަލާލް ޓްރެވެލްއިން ބައިވެރިވި މިފެއާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 16އިން 18އަށެވެ. މިފެއާގައި 31 ޤައުމަކުން 136 އެގްޒިބިޓަރުން ބައިވެރިވެފައިވެއެވެ.

ޤަތަރު ޓްރެވަލް މާކެޓުގެ ކޮންފަރެންސްގައި މޯލްޑިވްސް ހަލާލް ޓްރެވެލްގެ ފަރާތުން ޑރ.ސަނީ ޢުމަރު ވާހަކަ ދައްކަވާނެއެވެ. އޭނާ ވާހަކަދައްކަވާނީ ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ތަރައްޤީ ކުރުމާ ގުޅޭގޮތުން ބާއްވާ ސެޝަންގައެވެ. ރާއްޖޭގައި އަންނަ ފަތުރުވެރިއަކަށް ހާލާލް ފަތުރުވެރިކަމުން އޮތް ފުރުސަތުތަކާއި ގުޅޭ ގޮތުން ޑރ.ސަނީ ޢުމަރު ވާހަކަދައްކަވާނެއެވެ.

މި ކޮންފަރެންސްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަންނީ ތަޖުރިބާކާރުން ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ފަރާތްތަކުން ވާހަކަ ދައްކާ ބައެއް މަޢުޟޫޢުތަކުގެ ތެރޭގައި ދެމެހެއްޓެނެވި ފަތުރުވެރިކަމާއި، އައު އީޖާދާއި ޓްރެންޑުތައް އަދި ފަތުރުވެރިކަމުގެ ކުރިމަގު ހިމެނެއެވެ.

މިފަހަރުގެ ޤަތަރު ޓްރެވެލް މާކެޓުގައި ތަފާތު އެކި ބާއްވަތަކުގެ ފަތުރުވެރިކަން އެގްޒިބިޓަރުން އިސްތިހާރު ކުރާނެއެވެ. މީގެ ތެރޭގައި ލަގްޒަރީ، ވިޔަފާރި، ބޭސްފަރުވާ، ލީޝާ، ސަޤާފީ އަދި ހަލާލު ފަތުރުވެރިކަން ހިމެނެއެވެ.

މޯލްޑިވްސް ހަލާލް ޓްރެވެލްސް އަކީ އެމްއެމްޕީއާރްސީގެ އެހީތެރިކަމާއި އެކު ރާއްޖޭގައި ހަލާލް ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ. މުސްލިމް ފްރެންޑްލީ ޓްރެވަލް ރޭޓިން ދިނުމާއި މިދާއިރާގެ ޕީއާރް އަދި ކޮންސަލްޓެންސީ ޚިދުމަތް ދިނުމުގެ އިތުރުން މިދާއިރާ ރާއްޖޭގައި ތަރައްޤީ ކުރުމަށް އެކި މަސައްކަތްތައް ކުރާނެއެވެ.