ޚަބަރު

އިމިގްރޭޝަންގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށް، "އިހެމާ"ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް


މޯލްޑިވްސް އިމިގްރޭޝަންގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށް، "އިހެމާ"ގެ ނަމުގައި ޚާއްސަ ޕްރޮގްރާމް އިފްތިތާހުކޮށްފިއެވެ. މިއީ އިމިގްރޭޝަން އޮފިސަރުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށާއި، ޢާންމުންނަށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަގަޅު ކުރުމަށާއި އަދި ރައްޔިތުންނާ އޮންނަ ގާތްކަން އިތުރަށް ހަރުދަނާ ކުރުމުގެ މަޤުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މި ޕްރޮގްރާމަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) ގެ އެހީތެރިކަމާއިއެކު، ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީ އާއި ގުޅިގެން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމު ފެށުމުގެގޮތުން ކްލިކް ކޮލެޖުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު އަޙުމަދު ޙުސެއިންއެވެ. ކޮންޓްރޯލަރ ޖެނެރަލްގެ އިތުރުން، މިޕްރޮގްރާމު ހިންގުމުގައި އެހީތެރިވެދެއްވާ މަޓީގެ ފަރާތުން، އެ އެސޯސިއޭޝަންގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލް އަލްފާޟިލް އަސްއަދު ޢަލީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން، މިފަދަ ޕްރޮގްރާމެއްގެ މުހިންމުކަން ފާހަގަ ކުރައްވައި ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވީ، އިމިގްރޭޝަން އޮފިސަރުންނަކީ ފަތުރުވެރިންނަށް އެންމެ ފުރަތަމަ މަރުހަބާކިޔާ ފަރާތަށްވެފައި، ދިވެހިރާއްޖެއަކީ "ސަނީ ސައިޑް އޮފް ލައިފް" ގެ ގޮތުގައި އިޝްތިހާރު ކުރާއިރު، "ސަނީ ސައިޑް" ގެ ފުރިހަމަ ފެށުމެއްކަމުގައި ހަދަންވާނީ އޮފިސަރުން ހިނިތުންވުމާއިއެކު ކިޔާ މަރުހަބާއެވެ.

އެހެންކަމުން އިމިގްރޭޝަން އޮފިސަރުންނަކީ އަބަދުވެސް ހިނިތުންވުމާއިއެކު ފަތުރުވެރިންނަށާއި، އަދި އިމިގްރޭޝަނަށް ޚިދުމަތް ހޯދުމަށް އަންނަ ހުރިހާ ފަރާތްތަކަށް މަރުހަބާ ކިޔާ ބަޔަކަށްވުމަށް ކޮންޓްރޯލަރ ޖެނެރަލް އިލްތިމާސްކުރެއްވިއެވެ. އަދި މިޕްރޮގްރާމް ހިންގުމަށް މަޓީއިން ވެދެއްވި އެހީތެރިކަން ފާހަގަ ކުރައްވައި އެކަމަށް ވަރަށް ޙާއްސަ ޝުކުރެއް ދެންނެވިއެވެ.

މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލްވަނީ މި ޕްރޮގްރާމަށް "އިހެމާ" މިނަން ކިއުނުގޮތް އޮޅުންފިލުވައި ދެއްވައިފައެވެ. އެގޮތުން މިއީ ހުވަދޫ ބަހުރުވައިން "އެންމެން އެކީގަ ހީލާށޭ" ބުނުމަށް ބޭނުންކުރާ ލަފުޒެއްކަމަށާއި، މިފަދަ ނަމެއް ކިއުމުގެ ބޭނުމަކީ މިނަމާއި ގުޅުވައި "ކަސްޓަމަރ ރިލޭޝަންސް" ގެ ސިފަތައް ގިނަދުވަހު ހަނދާނުގައި ހަރުލެއްވުންކަމަށް ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވިއެވެ.

މިހަފްލާގައި މަޓީގެ ފަރާތުން ބައިވެރިވެލެއްވި، އެ އެސޯސިއޭޝަންގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލް އަސްއަދު ޢަލީ ޓްރެއިނިންގެ ބައިވެރިންނާއި މުހާތަބުކޮށް ދެއްކެވި ވާހަކައިގައި ފަތުރުވެރިން ރާއްޖެއަށްކުރާ ޒިޔާރަތުގައި އިމިގްރޭޝަން އޮފިސަރުން އަދާކުރާ ދައުރުގެ މުހިންމުކަން ފާހަގަ ކުރައްވާފައިވެއެވެ.

އެގޮތުން ފަތުރުވެރިޔާ އިމިގްރޭޝަން އޮފިސަރާއިއެކު ހޭދަކުރާ ވަގުތަކީ، އެފަތުރުވެރިޔާ ދިވެހި ރާއްޖެއާއި ދޭތެރޭ ދެކޭގޮތް ދެނެގަންނަ މުހިންމު އެއް ވަގުތުކޮޅުކަން ފާހަގަ ކުރެއްވިއެވެ. އަދި ދިވެހިންނަކީ އެކުވެރި ބައެއްގެ ގޮތުގަ އާއި މެހެމާނުންނަށް ކަމޭހިތާ ބައެއްގެ ގޮތުގައި މުޅި ދުނިޔެއިން ދެކޭއިރު، މިކަން ދެމެހެއްޓުމަށް އިމިގްރޭޝަން އޮފިސަރުން ކުރާ މަސައްކަތް ފާހަގަކޮށް، މަޓީގެ ނަމުގައާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ނަމުގައި ޝުކުރު ދެންނެވިއެވެ. އަދި ޒަމާނާއި ހާލަތަށް ރިޢާޔަތްކޮށް، އިމިގްރޭޝަންގެ ޚިދުމަތްތަކަށް ގެންނަ ހެޔޮ ބަދަލުތައް ފާހަގަކުރައްވައި އެކަމަށް މަރުހަބާ ދެންނެވިއެވެ.

މި ރަސްމިއްޔާތުގައި ކޮންޓްރޯލަރ ޖެނެރަލްވަނީ "އިހެމާ" ބެޖު ވެސް އިފްތިތާހު ކުރައްވާފައެވެ. މި ބެޖަކީ، މިޕްރޮގްރާމު ކުރިޔަށްދާ މުއްދަތުގައި ހުރިހާ އިމިގްރޭޝަން އޮފިސަރުން ބޭނުންކުރުމަށް ހަމަޖެހިފައިވާ ބެޖެކެވެ. އިހެމާ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 16 ނޮވެމްބަރުން 2021އިން 25 ޑިސެމްބަރ 2021 ގެ ނިޔަލަށެވެ. އެއީ މޯލްޑިވްސް އިމިގްރޭޝަން ގެ ހުރިހާ އޮފިސަރުން ހިމެނޭނެހެން، 12 ސެޝަނަށް ބަހާލެވިގެނެވެ.

އެގޮތުން މާލޭގައި 10 ސެޝަން އަދި އަތޮޅުތެރޭގައި 02 ސެޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެއީ މާލެއިން ދެކުނުގައި އެއް ސެޝަން އަދި އުތުރުގައި އެއް ސެޝަންއެވެ. މިއީ އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ހިމެނޭނެހެން، މޯލްޑިވްސް އިމިގްރޭޝަންގެ ތާރީހުގައި ބާއްވާ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.