ޚަބަރު

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 90،000އަށް އަރައިފި


އިތުރު 118 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 90،000އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ)އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޯވިޑަށް ޕޮޒިޓިވްވި 118 މީހުންގެ ތެރޭގައިވެސް ގިނައީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. އެގޮތުން އަތޮޅުތަކުން 70 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މާލެއިން 35 މީހަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 13 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އަލަށް ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 90،117 އަށް އަރާފައެވެ. އަދި މިވަގުތު މިބައްޔަށް 2154 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 10 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު 165 މީހަކު މިބަލިން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 87،703އަށް އަރާފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3349 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.