މަކަރާއި ޙީލަތުން އެތައްބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އައްމަޓީ)، ކަފާލާތުގެ ދަށުން ދޫކޮށްލި މައްސަލަ ބާޠިލްކޮށް އޭނާ އަލުން ބަންދުކުރުމަށް ހައި ކޯޓުން އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ، ޢާއިލާގެ 2 މެންބަރަކު ޖާމިނުކުރުމަށްފަހު މިދިޔަ އޮކްޓޫބަރު މަހުގެ 20ވަނަ ދުވަހުއެވެ. ސީލައިފްގެ ވެރިޔާ އަޙްމަދު މޫސާ (އައްމަޓީ)ގެ ފަރާތުން ޖާމިނުވުމަށް ހުށަހަޅާފައިވަނީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ މަރިޔަމް ނަޢީމާއާއި، ކޮއްކޮ އަފީފާ މޫސާއެވެ. ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަށް އެދެމީހުން ހާޒިރުކުރުމަށްފަހު ޝަރީއަތުން ސާފުކުރަން ބޭނުންވާ ކަންކަން ސާފުކުރުމަށްފަހު އެ ދެމީހުންވެސް ވަނީ އަންމަޓީ ފިލައިގެން ނުދާނެކަމުގެ ޔަޤީންކަންދީ، ޖާމިނުވުމަށް ހަދާފައިވާ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ކްރިމިނަލްކޯޓުން ނިންމި މިނިންމުން ދައުލަތުގެ ފަރާތުން އިސްތިއުނާފްކުރުމުން ހައި ކޯޓުންވަނީ މިއަދު ދަށުކޯޓުގެ ނިންމުން ބާޠިލްކޮށް އައްމަޓީ އަލުން ބަންދުކުރަން އަމުރުކޮށްފައެވެ. ހައިކޯޓުގެ ޙުކުމުގައިވަނީ އައްމަޓީ ދޫކޮށްލައިފިނަމަ އޭނާ ފިލައިގެން ދިއުމުގެ ފުރުސަތު އޮންނާނެކަމަށެވެ. އަދި އޭނާއަކީ މީގެކުރިން ނުފެނިގެން އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެގެންވެސް، ނުހޯދި ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅެފައިވާ މީހެއްކަމަށެވެ. އޭނާގެމައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ބާވަތުން އޭނާ ދޫކޮށްނުލެވޭނެ ކަމަށްވެސް ހައިކޯޓުން ވިދާޅުވެފައިވެއެވެ.
އެހެންކަމުން އައްމަޓީ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާޠިލްކުރާކަމަށާ، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކުރިން ނިންމާފައިވާ ނިންމުން ދެމިއޮންނާނެކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް ހަދަން ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރުމުން ފްލެޓް ވިއްކާނެކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅެނިކޮށް އެކުންފުނީގެ ވެރިޔާ އަޙްމަދު މޫސާ (އައްމަޓީ)ސްރީލަންކާއިން ހައްޔަރުކޮށް ރާއްޖެ ގެނެސްފައިވަނީ މާޗްމަހުގެ 24ވަނަ ދުވަހުއެވެ.
އައްމަޓީ ހައްޔަރުކޮށްގެން މާލެ ގެނެސް މައްސަލަ ތަހުޤީގުކުރުމަށްފަހު އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. މީ އެނާ ޚިޔާނާތްތެރިވި ކޮންމެ މީހެއްގެ ދައުވާ ވަކިވަކިންނެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ، 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.
ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމަންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 200އަށްވުރެ ގިނަ މީހުން ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓްގައި ދަޢުވާކޮށްފައެވެ. މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލައި ކޯޓުން ބޭރުގައި އެ މައްސަލަ ވަނީ ޙައްލުކޮށްފައެވެ. އެހެންނަމަވެސް އައްމަޓީގެ ޚިޔާނާތުގެ މައްސަލަ އަދިވެސް ދަނީ ކުރިއަށެވެ.