އަންނަ އަހަރުން ފެށިގެން ރާއްޖެ އެތެރެކޮށް ވިއްކާ ޑޮކްޓަރީ ބޭސް ވިއްކާއިރު ފައިދާގެ ގޮތުގައި އިތުރުކުރެވޭނީ އެންމެ ގިނަވެގެން އަގުގެ ސަތޭކަ އިންސައްތައާ ހަމައަށްކަމަށް މިނިސްޓްރީ އޮފް ހެލްތުން ހާމަކޮށްފިއެވެ.
ރާއްޖެ އެތެރެކޮށް ވިއްކާ އެންމެހާ ބޭސް އެންމެ ބޮޑުކޮށް ވިއްކޭނެ އަގު ކަނޑައެޅުމާއި ގުޅޭގޮތުން ހެލްތު މިނިސްޓްރީން ނެރުނު ޢިއުލާނެއްގައި ވަނީ ޞިއްޙީ ޚިދުމަތުގެ ޤައުމީ ނިޒާމުގައި ބޭނުންކުރާ ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ "މެކްސިމަމް ރިޓެއިލް ޕްރައިޒް" (އެމް.އާރު.ޕީ) ކަނޑައަޅަންވާނެ ކަމުގައި ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާތީ، ރާއްޖެ އެތެރެކޮށް ވިއްކާ އެންމެހައި ބޭހަށް މެކްސިމަމް ރިޓެއިލް ޕްރައިޒް ކަނޑައެޅުމަށް ނިންމާފައިވާކަމަށެވެ.
އިއުލާންގައިވާ ގޮތުން މެކްސިމަމް ރިޓެއިލް ޕްރައިޒެއް ކަނޑައެޅުމުގައި ބޭސް ގަންނަ އަގަށް ބޮޑުވެގެން ލެވޭނީ %100 (އެއްސަތޭކަ އިންސައްތަ) މާކްއަޕެކެވެ. އެހެން ކަމުން ދިވެހިރާއްޖެއަށް އިމްޕޯޓްކޮށް ވިއްކާ ހުރިހާ ބޭސްތަކަށް އެ މިންވަރަށް މެކްސިމަމް ރިޓެއިލް ޕްރައިޒް ނުވަތަ އެންމެ ބޮޑުކޮށް ވިއްކޭނެ އަގު ކަނޑައެޅުމަށް ހަމަޖެހިފައިވާކަމަށްވެސް ހެލްތު މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވީ މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ފިޔަވައްސަކަށް ބަހާލައިގެންކަމަށާއި، ފުރަތަމަ ފިޔަވަހީގައި ރާއްޖެ އިމްޕޯރޓްކޮށް ވިއްކާ ހުރިހާ އަސާސީ ބޭހަކަށް އަންނަ އަހަރުން ފެށިގެން މެކްސިމަމް ރީޓެއިލް ޕްރައިޒް ތަންފީޒު ކުރަން ފަށާނެކަމަށެވެ.
މީގެ އިތުރުން ދެވަނަ ފިޔަވަހީގައި، ރާއްޖެއަށް އިމްޕޯރޓްކޮށް ވިއްކާ ހުރިހާ ބޭހަކަށް، މެކްސިމަމް ރީޓެއިލް ޕްރައިޒް ތަންފީޒު ކުރާއިރު، ދެވަނަ ފިޔަވަހި ތަންފީޒު ކުރާނީ 2022 ވަނަ އަހަރުގެ މެދު ތެރޭގައިކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.
އެންކަމުން ހެލްތު މިނިސްޓްރީން ވަނީ ބޭސް އިމްޕޯޓްކޮށް ވިއްކާ ފަރާތްތަކާއި ޢާއްމުން ސަރުކާރުން ބޭސްވިއްކުމަށް ގެންނަ ބަދަލަށް ތައްޔާރުވުމަށް ޓަކައި އަސާސީ ބޭސް ލިސްޓް، މެކްސިމަމް ރީޓެއިލް ޕްރައިޒްއާއެކު މިއަހަރުގެ ނިޔަލަށް އެ މިނިސްޓްރީން ޢާއްމު ކުރާނެކަންކަން ހާމަކުރައްވާފައެވެ.