ވިޔަފާރި

މިއަދަކީ ބޭނުންނުކުރާ ރެވެނިއު ސްޓޭމްޕްތަކަށް ރީފަންޑްދޭނެ ފަހުދުވަސް


ބޭނުންނުކޮށް ހުރި ރެވެނިއު ސްޓޭމްޕްތަކަށް ރީފަންޑު ހޯދުމުގެ އެންމެފަހު ފުރުސަތު މިއަދު ބަންދުވާނެކަމަށް މީރާއިން ބުނެފިއެވެ.

މީރާއިން ބުނީ ދައުލަތުގެ އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ޤާނޫނު އުވާލުމާއި ގުޅިގެން މީރާއިން ސްޓޭމްޕްތަކަށް ރީފަންޑު ހޯދުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނަ އެންމެ ފަހު ދުވަހަކީ މިއަދު ކަމަށެވެ. އެގޮތުން މިއަދު މީރާ ޓެކްސް ޕެޔަރ ސެންޓަރަށް ނުވަތަ އޮތޯރިޓީގެ އަތޮޅުތަކުގައި ހުރި އޮފީހަށް ފޯމު ހުށަހެޅުމުން ސްޓޭމްޕްތަކަށް ރީފަންޑު ލިބޭނެކަމަށް މީރާއިން ބުނެއެވެ.

މީރާއިން ރީފަންޑް ދިނުމަށް ނިންމާފައިވަނީ އެ އޮތޯރިޓީން ވިއްކާފައި ހުރި ސްޓޭމްޕްތަކުގެ ތެރެއިން ބޭނުން ނުކޮށް ހުރި ސްޓޭމްޕްތަކަށެވެ.

ސްޓޭމްޕް ރީފަންޑު ކޮށްދިނުމަށް އެދި ހުށަހަޅާނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމް މެދުވެރިކޮށެވެ. އަދި ފޯމާއި އެކު ބޭނުން ނުކުރާ ސްޓޭމްޕް ހުށަހެޅުމަށް މީރާއިން ވަނީ އަންގާފައެވެ.

އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނު މިދިޔަ ޖުލައި މަހު އުވާލާފައިވަނީ، ދައުލަތަށް ރެވެނިއު ސްޓޭމްޕް ވިއްކައިގެން އެކަށީގެންވާ އާމްދަނީއެއް ނުލިބޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ. މިއާއި އެކު 1970 ވަނަ ޢަމަލު ކުރަން ފެށި މިޤާނޫނު 50 އަހަރު ފަހުން ވަނީ އުވާލާފާއެވެ. އޭރު މިޤާނޫނު އެކުލަވާލީ ހިދުމަތްތަކުން ދައުލަތަށް އާމްދަނީ ހޯދުމުގެ ބޭނުމުގައެވެ.