ޚަބަރު

އާމްދަނީއަށް ބަލައިގެން މަޝްރޫޢުތައް ހިންގަން ލަފާދެއްވައިފި


އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ލިބޭ އާމްދަނީއާއި، ހިލޭ އެހީ ޔަގީން ކުރުމަށްފަހު ނޫނީ ޚަރަދު ނުކުރުމަށް އޮޓިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ލަފާ ދެއްވައިފިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް އޮފީހުގެ ބޭފުޅުންނާއިއެކު މިއަދު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީން ބޭއްވި ބައްދަލުވުގައި ނިޔާޒީ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ދަރަނި ބޮޑުކަމަށާއި، ބަޖެޓުގައި ހުރި ޕްރޮގްރާމުތަކަށް ބަލާއިރު، ދައުލަތަށް ލިބޭ ޢާމްދަނީއަށާއި، ހިލޭ އެހީގެ ގޮތޮގައި ލިބޭނެކަމަށް އަންދާޒާ ކޮށްފައިވާ ފައިސާ ލިބޭނެކަން ޔަގީންނުކޮށް ޚަރަދު ކުރުމަކީ ބަޖެޓް އިތުރަށް ދަރަނި ވެދާނެ ކަމެއްކަމަށެވެ.

2022ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 36.9 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 34.0 ބިލިޔަން ރުފިޔާއެވެ. އަދި ބަޖެޓާއި ޚަރަދާހުރި ތަފާތުގެ ބޮޑުބައެއް ޙިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.9 ބިލިޔަން ރުފިޔާއެވެ. މި ބަޖެޓަކީ 9.7 ބިލިޔަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން %11.1އެވެ.

އޮޑިޓަރ ޖެނަރަލް ވިދާޅުވީ ފާއިތުވެދިޔަ 3 އަހަރެއްގެ ތެރޭގައި ދައުލަތުގެ އެކި ކުންފުނިތަކަށް ސަރުކާރުން ދޫކޮށްފައިވާ ފައިސާގެ ބައެއް ނުލިބި އޮތުމަކީވެސް ކަންބޮޑުވުމެއްކަމަށެވެ. މިގޮތުން މިހާތަނަށް 908 މިލިޔަން ރުފިޔާ ނުލިބި އެބައޮތްކަން އޮޑިޓަރ ޖެނަރަލް ވިދާޅުވިއެވެ. އޮޑިޓަ ޖެނަރަލް ވަނީ ބޭރުގެ ކްރެޑިޓް ރޭޓީން އިދާރާތަކުން ރާއްޖޭގެ ރޭޓިން މަތިކުރުމަކީ ޕޮޒިޓިވް ނިޝާނެއްގެ ގޮތުގައި ވިދާޅުވެފައެވެ.

"ރޭޓިންސް ރަނގަޅުވުމަކީ ބަޖެޓް މެނޭޖް ކުރުމަށް ލިބޭނެ ފުރުސަތެއްކަމަށް ދެކެން. ސްކޫކު ބޮންޑްފަދަ އެއްޗިހި ވިއްކަން ފަސޭހަވާނެ. ދެން ބަޖެޓުގައި އެބައޮތް އަޅުގަނޑުމެންގެ ކަންބޮޑުވުންތަކެއްވެސް. ބަޖެޓުގައި އެބައޮތް 9.7 ބިލިޔަން ޑެފިސިޓް ބަޖެޓެއް. އަދި ނިއުރެވެނިއު މެޝާޒް 700 މިލިޔަން ރުފިޔާ އެބަހުރި. ދެން އާސަންދައަށް ކުރާ ޚަރަދު ރިއަލައިޒް ނުވެއްޖެއްޔާ އިތުރު 300 މިލިޔަނެއްހައި ރުފިޔާ އެބަދޭ. މީގެ އިތުންވެސް ހުރި އެހެންކަން ހަމަނުޖެހިއްޖެނަމަ އިތުރު 1 ބިލިޔަން ރުފިޔާއިން ބަޖެޓް ޑެފެސިޓް ވުމުގެ ފުރުސަތު އެބައޮތް." އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

އޮޑިޓަރޖެނެރަލް ވިދާޅުވީ ރޭޓިން ރަނގަޅުވުމަކީ ބަޖެޓު މެނޭޖުކުރުމަށް ހާއްސަކޮށް އިންޓްރެސްޓް ރޭޓު ކުޑަކޮށް ބެޖެޓު ފައިނޭންސް ކުރުމަށް ލިބޭނެ ފުރުސަތެއްކަމަށް ކަމަށެވެ. އަދި ސުކޫކު ބޮންޑާ އެއްޗެތި ވިއްކާއިރު ރޭޓިން ރަަނގަޅުވެފައި ހުރުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ.

އަދި ފިނޭންސް މިނިސްޓްރީން ދަނީ ދަރަނި ބޮޑު ނުވާނޭހެން ކަންކަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާ، ދަރަނި ކުޑަވާނޭ ގޮތަކަށް ބަޖެޓުގެ ޚަރަދުތައް މެނޭޖް ކުރުމަކީ އަންނަ އަހަރުގެ ބަޖެޓުން އެންމެ އިސްކަންދީގެން ކުރަންޖެހޭ ކަންތައް ކަމުގައެވެ.