ވިޔަފާރި

ހުޅުމާލޭގެ ދަތުރުތަކަށް އިތުރު ދެ ބަސް ތަޢާރަފްކޮށްފި


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ހުޅުމާލޭގައި ދެމުންގެންދާ ބަހުގެ ޚިދުމަތަށް އިތުރު ދެބަސް ތަޢާރަފްކުރައްވައިފިއެވެ. މިއީ ހުޅުމާލޭގައި ދެމުންގެންދާ ބަހުގެ ޚިދުމަތް ތަރައްގީކުރުމުގެ ގޮތުން ގެނައި ދެބަސްކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޚިދުމަތަށް ގެނެވުނު ދެބަސް އިފްތިތާހް ކޮށްދެއްވީ ޔޫތު މިނިސްޓަރ އަހުމަދު ޒުހޫރެވެ. ހުޅުމާލޭގައި އެމްޓީސީސީން ދެމުންގެންދާ ބަހުގެ ޚިދުމަތަށް އިތުރު ކުރެއްވި "މޭން" ބްރޭންޑްގެ  ދެބަހަކީ އެއްފަހަރާ 44 މީހުން ލަގެޖާއިއެކު އުފުލުމުގެ ޤާބިލްކަން ލިބިފައިވާ ދެބަހެވެ. އާ ދެބަހާއިއެކު ހުޅުމާލެއާއި އެއަރޕޯޓާ ދެމެދު ދެމުންދާ ބަހުގެ ޚިދުމަތުގެ އިތުރުން ހުޅުމާލޭގެ 2 ނެއިބަރހުޑަށް ކުރަމުންގެންދާ ބަސްދަތުރު ތަކަށްވެސް ބަދަލުތަކެއް އަންނާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއްވައެވެ. އާ ބަސްތަށް ޚިދުމަތަށް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރ އަހުމަދު ޒުހޫރު ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ ރައްޔިތުން ހިތްހަމަޖެހޭފަދަ ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދެއްވުންކަމަށެވެ. އަދި ހުޅުމާލެއަށް އިންވެސްޓް ކޮށްފައިވާ ފަރާތްތަކުގެ އަޑު އަހައި އިހުސާސްތަށް ދެނެގަތުމަށް މަސައްކަތް ފައްޓަވާފައި ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އެމްޓީސީސީގެ ސީއިއޯ އިބްރާހިމް އަބްދުލްރައްޒާޤް ހަލީމް ވިދާޅުވީ އެމްޓީސީސީން ދެމުންއަންނަ ޚިދުމަތްތަކުގެ ތެރެއިން ދަތުރު ފަތުރުގެ ދާއިރާއިން އެއްގަމާއި ކަނޑުގެ ދަތުރުތަށް ތަރައްޤީކުރެއްވުމަށް ބޮޑެތި އިންވެސްޓްމެންޓް ތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.  އަލަށް ޚިދުމަތް ދޭން މި ފެށުނު ބަހުގެ އެހީގައި، މިހާރު ބާރުބޮޑުވާ ގަޑިތަކަށް ދަތުރުތަށް އިތުރުކޮށް އެއާޕޯޓަށް އުފުލާމީހުންގެ އަދަދުވެސް، އިތުރު ކުރެވިގެން ދާނެކަމަށް ސީއީއޯ ވިދާޅުވިއެވެ. މި 2 ބަހަކީ ލަގެޖާއި އެކު ދަތުރުކުރާ ފެރާތްތަކަށް ފަސޭހަކަމާއި އެކު ދަތުރު ކުރެވޭނެ ފަދަ 2 ބަހެވެ. މި ބަސްތަކުގެ އެހީގައި ދުވާލެއްގެ މައްޗަށް 11000 މީހުން އުފުލުމުގެ ޤާބިލްކަނަން އެކުންފުންޏަށް ވަނީ ލިބިގެން ގޮސްފައެވެ.