ޚަބަރު

އައްޑޫ ސިޓީގެ ކޯވިޑް ކޭސްތަކުގެ ޢަދަދުތައް މަތީގައި


ކޯވިޑުގައި މިވަގުތު ޕޮޒިޓިވް ކޭސްތައް އެންމެ އިތުރުވެފައިވަނީ އައްޑޫ ސިޓީގައެވެ. އައްޑޫ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އެންމެފަހުން ޢާއްމުކުރައްވާފައިވާ ތަފާސްހިސާބަށް ބަލާއިރު އެސިޓީގައި މިވަގުތު ބައްޔަށް ޕޮޒިޓިވްވެފައިވާ 390އަށްވުރެ ގިނަ މީހުން އެބައްތިއްބެވެ.

ކޯވިޑް-19އިން އަރައިގަތުމަށް ހުރިހާ ރައްޔިތުން ގުޅިގެން އަންނަނީ މަސައްކަތްކުރަމުންނެވެ. މީގެކުރިން ޙާލަތު އެންމެ ގޯސްކޮށްއޮތް ބައެއް ސަރަޙައްދުތަކުގައި ކޭސްތައް މަދުވެފައިވާއިރު އަތޮޅުތަކުގެ ބައެއް ރަށްރަށުގައިވެސް މިހާރުވަނީ ކޭސްތައް ވަރަށްބޮޑަށް އިތުރުވެފައެވެ. އެގޮތުން އައްޑޫ ސިޓީގެ ރަށްތަކުން މިހާރު ދުވާލެއްގެ މައްޗަށް އެތައް ކޭސްއެއް ޕޮޒިޓިވްވަމުން އަންނައިރު، އެސިޓީގެ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އެންމެފަހުން ޢާއްމުކޮށްފައިވާ ތަފާސްހިސާބު ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 51 މީހަކު އަލަށްވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މިއާއެކު މިވަގުތު ބައްޔަށް ޕޮޒިޓިވްވެފައިވާ 396 މީހުންނަށް އެސިޓީގައި އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 2 މީހަކަށް ފަރުވާ ދެމުން އަންނަނީ އައްޑޫ ކޯވިޑް ފެސިލިޓީގައެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވީ ކޭސްތަކާއެކު މިވަގުތު އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައި ތިބީ ހިތަދޫގައެވެ. ވޭތުވެދިޔަ 24 ގަޑިއިރު 21 މީހަކު ހިތަދޫއިން ބައްޔަށް ޕޮޒިޓިވްވުމާއެކު މިވަގުތު ހިތަދޫގައި ބައްޔަށް ފަރުވާހޯދަމުންދާ 224 މީހުން އެބަތިއްބެވެ. 14 މީހުންނާއެކު ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވެފައިވާ ފޭދޫގައި މިވަގުތު ޖުމްލަ 63 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. ވަކިން އޮންނަ މީދޫއިން 12 ޕޮޒިޓިވް މީހުން ފެނިފައިވާއިރު މިއާއެކު އެރަށުގައި 43 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މަރަދޫގައި ޕޮޒިޓިވް 45 މީހުން، މަރަދޫފޭދޫގައި ޕޮޒިޓިވް 11 މީހުން ، ހުޅުދޫގައި ޕޮޒިޓިވް 5 މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.

މިބަލީގައި މާލެ ސަރަޙައްދު ފިޔަވައި އެންމެ ގިނަބަޔަކު ނިޔާވެފައިވަނީވެސް އައްޑޫ ސިޓީގަވެ. އެގޮތުން މިހާތަށް 10 މީހަކުވަނީ އައްޑޫގައި ނިޔާވެފައެވެ.

އައްޑޫ ސިޓީ މިވަގުތުވެސް އޮތީ މޮނީޓަރިންގައެވެ. ހަމައެއާއެކު ބޭރުގައި އުޅުމުގައި މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު ގެއިންބޭރަށްވެސް ކޮންމެހެން ދާންޖެހިގެން ނޫނީ ނުދިޔުމަށް ކަމާބެހޭ ފަރާތްތަކުންވަނީ އަންގަވާފައެވެ.