ޚަބަރު

ކޯވިޑުގައި މިއަދުވެސް 7 ރަށެއް މޮނީޓަރިންއަށް

ކޯވިޑުގެ ކޭސްތައް ފެނިގެން އަތޮޅުތަކުގެ ގިނަ ރަށްތަކެއް މިއަދު މޮނީޓަރިންގއަށް ލައިފިއެވެ. އެގޮތުން އެކި އަތޮޅުތަކުން 7 ރަށެއް އެޗްޕީއޭއިންވަނީ މިއަދު މޮނީޓަރިންއަށް ލާފައެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކާ ރަށްރަށުން ޕޮޒިޓިވް ކޭސްތައް ފެންނަ ގޮތާއި މިންވަރަށް ބެލުމަށްފަހު އެޗްޕީއޭއިން އަންނަނީ ރަށްރަށަށް އަރާ ފޭބުން މަނާކުރަމުންނެވެ. އެގޮތުން އާދިއްތަ ދުވަހު އެޗްޕީއޭއިންވަނީ 7 ރަށެއް މޮނީޓަރިންއަށް ލާފައެވެ. މީގެތެރޭގައި ހިމެނެނީ ރ.އަލިފުއްޓާއި، ދ.މާއެނބޫދުއާއި، ފ.ބިލެއްދުއާއި، ގއ.މާމެންދުއާއި، ގދ.ފަރެސްމާތޮޑާއާއި ނ.ކުޑަފަރިއާއި ވެލިދޫވެސްވަނީ މޮނީޓަރިންއަށް ލާފައެވެ. އަލަށް މޮނީޓަރިންގެ ޙާލަތަކަށް ގެނައި ރަށްތަކާއެކު މިވަގުތު ރާއްޖޭގައި އެޗްޕީއޭއިން އަރާފޭބުން މަނާކޮށްފައިވާ 31 ރަށެއް އެބައޮތެވެ.

މިމަހުގެ މެދާހިސާބަށް ދިޔައިރު މިވަގުތު މޮނީޓަރިންގައި ހުރި ދެބައިކުޅަ އެއްބައި ރަށްތަކަކީ މިމަހު މޮނީޓަރިންއަށް ލީރަށްރަށެވެ. މިވަގުތު އެންމެ ގިނަ ރަށްތަށް މޮނީޓަރިންގައި އޮތީ އައްޑޫ ސިޓީއާއި ނ.އަތޮޅުގައެވެ.

އައްޑޫ ސިޓީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްވަނީ މޮނީޓަރިންގައެވެ. މިވަގުތު އެންމެ ގިނަ ދުވަސްވަންދެން މޮނީޓއަރިންގައި އޮތީ ސަރަޙައްދަކީވެސް އެސިޓީއެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް މޮނީޓަރިންއަށް ލާފައިވަނީ މިދިޔަ އޯގަސްޓްމަހުގެ 28ވަނަ ދުވަހުގައެވެ. ވަކިން އޮންނަ ހުޅުދޫއާއި މީދޫ މޮނީޓަރިންއަށް ލާފައިވަނީ ސެޕްޓެމްބަރުމަހުގެ 4ވަނަ ދުވަހުގައެވެ. އައްޑޫ ސިޓީއާއެކު ދެން އެންމެގިނަ ރަށްތައް މޮނީޓަރިންގައި އޮތީ ނ.އަތޮޅުގައެވެ. އެގޮތުން ނ.އަތޮޅުގެ ހޮޅުދުއާއި ކެނދިކުޅުދުއާއި މިލަދުއާއި ކުޑަފަރިއާއި ވެލިދޫ މިވަގުތު އޮތީ މޮނީޓަރިންގައެވެ.

ކޯވިޑްގެ ސަބަބުން އަތޮޅުތަކުގެ ރަށްތައް މޮނީޓަރިންއަށްލުމުގެ ސަބަބުން ޢާއްމުނަށް އެތައް ދަތިތަކެއް ކުރިމަތިވަމުން ދެއެވެ. އާބާދީގެ %90 ވެކްސިން ފުރިހަމަކޮށްފައިވާނަމަ އެރަށަކަށް ދިޔުމަށް ޕީސީއާރް ހަދާކަށް ނުޖެހެއެވެ. މިއީ ޢާއްމުންގެ ކަންބޮޑުވުމެކެވެ. މިޙާލަތުގައި ޕޮޒިޓިވް ކޭސްތައް ފެނުމުން ރަށްރަށް މޮނީޓަރިންއަށް ލާ އުސޫލާ މެދު ގިނަބައެއްގެ ޝަކުވާއެބަހުއްޓެވެ. އެހެންނަމަވެސް ކޭސްތައް ގިނަވިޔަނުދީ ހިފެހެއްޓުމަކީ ރަށްރަށުގައިވެސް ބަލީގައި ބޮޑުވަރުވާ އިންސައްތަ މަދުކުރުމަށް ކޮންމެހެން ކުރަންޖެހޭކަމެއްކަން އެޗްޕީއޭއިން ވިދާޅުވެއެވެ.

މާލެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ހިފެހެއްޓިފައިވާއިރު އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވާ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. އެންމެ ފަހުން އެޗްޕީއޭއިން ޢާއްމުކުރައްވާފައިވާ ތަފާސްހިސާބަށްބަލާއިރު މާލެއިން 11 މިހަކު ޕޮޒިޓިވްވެފައިވެއެވެ. އަތޮޅުތަކުގެ ރަށްތަކުންވަނީ 141 މީހަކު ޕޮޒިޓިވްވެފައެވެ. އެހެންކަމުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކާއި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުންވެސް ކޯވިޑްއިން ދިފާޢުވުމަށް ފަރުދީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުވުމަކީ މުހިއްމުކަމެކެވެ.