ކުޅިވަރު

ލަންކާ ބަލިކޮށް ސީޝެލްސްއިން ފައިނަލާ ގާތަށް


މުބާރާތް ބާއްވާ ގައުމު ލަންކާ ބަލިކޮށް ސީޝެލްސްއިން މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގެ ފައިނަލަށް ދިއުމުގެ އުންމީދު އާކޮށްފިއެވެ. މިމުބާރާތުގައި ރޭ ކުޅުނު މެޗް ސީޝެލްއިން ކާމިޔާބުކުރީ ލަންކާއާއި ވާދަކޮށް 1 ލަނޑު 0 ލަނޑުންނެވެ.

މިމުބާރާތުގައި މިހާރު ކޮންމެ ޓީމެއް ދެ މެޗް ކުޅެފައިވާއިރު، މިވަގުތު ތާވަލްގެ އެއްވަނައިގައި އޮތީ ބަންގްލަދޭޝްއެވެ. ދެވަނައިގައި އޮތީ ސީޝެލްސްއެވެ. އަދި ތިންވަނައިގައި ރާއްޖެ އޮތްއިރު، ތާވަލްގެ އެންމެ ފުލުގައި އޮތީ ލަންކާއެވެ.

ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި މިމެޗް ބެލުމަށް ލަންކާގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ. ދެ ޓީމުންވެސް ޑިފެންސަށް ވިސްނައިގެން ކުޅުނުއިރު، މެޗް ފެށިގެން އެންމެ ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނީ ސީޝެލްސްއިންނެވެ. މެޗްގައި އެންމެ ފުރަތަމަ ގޯލެއް ޖެހުމަށް ފުރުސަތު ލިބުނު ސީޝެލްސްއަށެވެ. މެޗްގެ 12ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީ ކެޕްޓަން ސްޓީވް ބެނޮއިޓް ޖެހި ބޯޅަދިޔައީ ބޭރަށެވެ. އަދި މެޗްގެ 25ވަނަ މިނެޓްގައި ސީޝެލްސް ފޯވާޑް ސްޓެފަން ހިއުގް ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. އަދި ސީޝެލްސްގެ ޔޫވެސް ޕްރީ އާނެސްޓާ ފޮނުވާލި ބޯޅަވަނީ ލަންކާގެ ކެޕްޓަން އަދި ކީޕަރު ސުޖަން ޕެރޭރާ މަތަކޮށްފައެވެ.

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސީޝެލްސްއަށް ކާމިޔާބުކޮށްދިނީ މެޗްގެ 68ވަނަ މިނެޓްގައި ވަރެން މެލީއެވެ. މިއީ އެޓީމަށް ލިބުނު ކޯނަރަކުން އޭނާ ބޮލުން ކާމިޔާބުކުރި ގޯލެކެވެ. ސީޝެލްސްއިން ފުރަތަމަ ޖެހި ގޯލް ޖެހިތާ 2 މިނެޓްފަހުން އެޓީމުގެ ހެންރީ ލީޑް ފުޅާކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށެވެ. މިމެޗުން ބަލިވާންދާތީވެ، ލަންކާއިން ބަދަލްތަކެއް ގެނެސްގެންވެސް ލަނޑެއް ޖެހުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެޓީމަށް ސީޝެލްސްގެ ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

ލީގު އުސޫލުން މިމުބާރާތުގެ މެޗްތައް ކުރިއަށްދާއިރު، ލީގް ބުރުގެ ފަހު މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އަންގާރަ ދުވަހުއެވެ. އެދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗްގެ ބައްދަލުކުރާނީ ސީޝެލްސް އާއި ދިވެހިރާއްޖެއެވެ. އަދި އެރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ލަންކާ އާއި ބަންގްލަދޭޝްއެވެ. ރާއްޖެއާއި ސީޝެލްސްގެ ކުޅޭ މެޗް އެއްވަރުކޮށްލައިގެންވެސް ސީޝެލްސްއަށް ފައިނަލްގެ ޖާގައެއް ލިބޭނެއެވެ. ރާއްޖެއަށް ފައިނަލްގެ ޖާގައެއް ލިބޭނީ ސީޝެލްސް ބަލިކޮށްގެންނެވެ. އަދި އެރޭ ކުޅޭ މެޗްގައި ބަންގްލަދޭޝް އާއި ލަންކާ މެޗެއް އެއްވަރުކޮށްލައިވެގެންސް ބަންގްލަދޭޝްއަށް ފައިނަލަށް ދެވޭއިރު، ލަންކާ ފައިނަލްގެ ފުރުސަތެއް ހޯދާނަމަ، ބަންގްލަދޭޝް ބަލިކުރަންޖެހެއެވެ.