ޚަބަރު

ކުޑަރިކިލު ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި


ބ.އަތޮޅު ކުޑަރިކިލު ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ލަފާ ރުފުމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ކުޑަރިކިލު ބަނދަރުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ އެރަށު ކައުންސިލްގެ ރައީސް އަބްދުލް ހަންނާން އައްބާސްއެވެ.

ކުޑަރިކިލު ބަނދަރުގެ ބޭރު ތޮށިގަނޑު ވެއްޓި އެއްގަމު ވާޓަރުން ވެސް ބޮޑުބައެއް ވެއްޓުމާ ގުޅިިގެން މޫސުން ގޯސްވާ ދުވަސްތަކުގައި އެރަށު ފަޅަށް ވަދެ ނުކުމެ ހެދުމަކީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން ޖެހިލުންވާކަމެވެ.

ކުޑަރިކިލު ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެރަށު ކައުންސިލްގެ ރައީސް އަބްދުލް ހަންނާނު ވިދާޅުވީ ބަނދަރުގެ ހެދުމުގެ މަސައްކަތް ފެށިގެން ދިއުމަކީ ރައްޔިތުން ލަފާ ފުރުމަށް އުފުލަމުން އައި ތަކުލީފަށް ނިމުން ގެނުވާނެކަމެއްކަމަށެވެ.

އަބްދުލް ހަންނާން ވިދާޅުވީ ރަގަޅު ބަނދަރެއް ނެތުމުން ރައްޔިތުން އެތައްކަމަކުން މަޙްރޫމްވެފައިވާކަމަށާއި މިއީ ކުޑަރިކިލުގެ ތާރީހްގައި ހިންގާ އެންމެ ބޮޑު މަޝްރޫއުކަމަށެވެ. އަދި އެކަމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެޙީތެރިކަން ދޭނެކަމުގެ ޔަޤީންކަން ހަންނާން ވަނީ ދެއްވާފައެވެ.

"ހުރިހާކަމެއް ގުޅިފައި އޮތީ ބަނދަރާ، މިހާރު ބަނދަރެއް އޮތުމެކޭ ނެތުމެކޭ ހަމަހަމަ އެއީ ކަނޑަށްވުރެ ފަޅު ގަދަ ދަތުރު ކުރާ މީހުން ކުޑަރިކިލޭ ބުނެފިޔައްޔާ ދަތުރު ކުރަން އިންކާރުކުރޭ އާ ބަނދަރާއެކީ އިޤްތިސާދީ ގޮތުން ކުރިއެރުން ލިބޭނެގޮތައް ކައުންސިލުން ކަންކަން ރާވާފަައިވާނީ" އަބްދުލް ހަންނާން އައްބާސް ވިދާޅުވިއެވެ.

ކުޑަރިކިލުގެ ބައެއް ރައްޔިތުން ބުނާގޮތުން ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއަކީ އެރަށު ރައްޔިތުން ކުރިމަތިލަމުންދާތީ ގިނަ ދަތިތަކަކަށް ހައްލު ލިބިގެންދާނެ މަޝްރޫޢެއްކަމަށެވެ.

"އަމަލީ މަސައްކަތް ފެށުމުން މިއަދު ރައްޔިތުން މިތިބީ ވަރަށް އުފަލުން އުންމިދަކީ ބަނދަރުގެ މަސައްކަތް ވީ އެންމެ އަވަހަށް ނިމި ބޭނުން ކުރަންފެށުން" ބަނދަރެއްގެ އުފާ ބޭނުންވެފައި ތިބި ކުޑަރިކިލު ރައްޔިތުން ބުންޏެވެ.

ބަނދަރު ފަރުމާކޮށްފައި އޮތީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހިމަނައިގެންނެވެ. އެންމެ ފުރަތަމަ އެރަށުގައި ބަނދަރެއް ހަދާފައިވަނީ 2001 ވަނަ އަހަރުއެވެ. އަމިއްލަ ފަރާތެއްގެ ދީލަތި އެޙީތެރިކަމާއެކު އެރަށު ރައްޔިތުންގެ މަސައްކަތުން ހެދި އެ ބަނދަރު ހަލާކުވީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައެވެ.

އެރަށު ބަނދަރު ހެދުމަށް ސަރުކާރުން އެމްޓީ ހޯގާޑާ ހަވާލު ކުރީ 2020 ވަނައަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ބަނދަރު ހެދުމުގެ މަސައްކަތާއެކު އެރަށު ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތްވެސް އެމްޓީ ހޯގާޑާ ވަނީ ހަވާލުކޮށްފައެވެ.