ޚަބަރު

"ފެނަކަ ބިލް ޕޭ"އިފްތިތާހްކޮށްފި


ކަރަންޓު ބިލު ހެދުމަށް ގޭބިސީތަކުން ރީޑިންގ ނެގުމާއެކު ބިލަށް ފައިސާ ދައްކަންޖެހޭ މިންވަރު އަންގައިދޭ ޚިދުމަތެއް ފެނަކަ ކޯޕަރޭޝަނުން ތަޢާރަފްކޮށްފިއެވެ.

މިކަމަށްޓަކައި ގދ. ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތެއްގައި "ފެނަކަ ބިލް ޕޭ"ގެ ނަމުގައި ފައިސާ ދައްކާ އެޕްލިކޭޝަން އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއެވެ. ފެނަކައިން ވިދާޅުވީ ފެނަކަ ބިލް ޕޭ މެދުވެރިކޮށް ރީޑިންގ ނެގުމާއެކު ބިލަށް އަރާވަރު ވަގުތުން އެނގޭނެ ކަމަށާއި އެއާއެކު އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ފައިސާދެއްކޭނެކަމަށެވެ. މީގެ ސަބަބުން ބިލުގައި ދިމާވާ މައްސަލަތައް ފަސޭހަ ކަމާއެކު ދެނެގަނެވި މައްސަލަ ޙައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅޭނެކަމަށެވެ. އަދި ބިލަށް އަރާވަރުގެ ތަފްސީލު އެނގިގެންދާނެކަމަށްވެސް ފެނަކައިން ވިދާޅުވެއެވެ.

އަލަށް ތަޢާރަފްކުރި ފައިސާދެއްކުމުގެ ޚިދުމަތާއެކު ބިލަކީ ތަރމަލް ރޯލަށް ޕްރިންޓްކުރެވޭ ބިލަކަށްވާނެކަމަށާއި މިއާއެކު މީގެކުރިން ފެނަކައިން ކުރަމުން އައި ޚަރަދު ކުޑަކުރެވިގެންދާނެކަމަށެވެ. އަދި އެޕްލިކޭޝަނެއް މެދުވެރިކޮށް ފޯރުކޮށްދޭ މިޚިދުމަތާއެކު ފެނަކައިގެ މުވައްޒަފުންނަށާއި ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަ ތަކެއް ލިބިގެންދާނެކަމަށެވެ. ފެނަކައިން ފޯރުކޮށްދޭ ޚިދުމަތަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދެވޭ ޚިދުމަތަކަށް ހަދާ، ފެނަކަ މުވައްޒަފުންނަކީ މިކަމަށް ހޭނިފައިވާ ބަޔަކަށް ހެދުމަށް އެކުންފުނިން އަންނަނީ މަސައްކަތްކުރަމުންނެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތަކީ ލުއިފަސޭހަ އަދި ޚިދުމަތް ފޯރުކޮށްދިނުމަށް ހޭދަވާ ވަގުތު ސަލާމަތްކުރުމަށް ކަމަށް ފެނަކައިން ވިދާޅުވެއެވެ.

އަތޮޅުތެރޭގެ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ކުރީގައި ޚިދުމަތްދެމުން އައި ޔޫޓިލިޓީ ކުންފުނިތައް އުވާލާ ފެނަކަ ކޯޕަރޭޝަން އުފައްދާފައިވަނީ 2012 ވަނަ އަހަރުއެވެ. އެކުންފުނިން އަންނަނީ އަތޮޅުތެރޭގެ 160އަށްވުރެ ގިނަ ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.