ޚަބަރު

މާލެ ސަރަޙައްދުގެ އެންމެބޮޑު ފެން އަރުވާ ވަޑާން ސެންޓްރަލް ޕާކުގައި


ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހައުސުން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ޤާއިމްކުރި ފެން އަރުވާ ވަޑާން ހުޅުވައިފިއެވެ.

މިތަން ހުޅުވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ހުސައިން ރަޝީދު ހަސަނެވެ. މި ފެން އަރުވާ ވަޑާމަކީ މާލެ ސަރަޙައްދުގައި ޤާއިމްކުރި އެންމެ ބޮޑު ފެންއަރުވާ ވަޑާމެވެ.

ސެންޓްރަލް ޕާކުގެ އިރުއުތުރު ސަރަހައްދުގައި ތަރައްޤީކުރި ފެންގަނޑުގެ ހަރަކާތްތައް ޕްރޮގްރާމްކޮށްފައިވަނީ މިއުޒިކާއި ލައިޓާ އެއްވަރަކަށް ހަރަކާތްކުރާ ގޮތަށެވެ. 20000 އަކަފޫޓަށްވުރެ ބޮޑު ސަރަހައްދެއްގައި ހަދާފައިވާ މިތަނުގެ ފެންގަނޑު 15 މީޓަރާ ހަމައަށް މައްޗަށް އަރާނެކަމަށް އެޗްޑީސީން މަޢުލޫމާތު ދެއްވައެވެ.

މިތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަޙްމަދު ވިދާޅުވީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި އެކި ބޭނުންތަކަށް ޒިޔާރަތްކުރާ މީހުންނަށް މި ބިނާ ވަރަށް ފުރިހަމަ ހިތްގައިމު ތަނަކަށް ވެގެންދާނެ ކަމަށެވެ. އަދި ހުޅުމާލޭގައި ޢާއިލާއާއި ގާތް ރަހުމަތްތެރިންނާ އެކު ވަގުތު ހޭދަކޮށްލާ ހިތްހަމަޖައްސާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި 8 ހެކްޓަރުގެ ސެންޓްރަލް ޕާކަށް ބަލާލުމުންވެސް ޔަޤީންވެގެންދާނެކަމަށް ސުހައިލް ވިދާޅުވިއެވެ.

"ރައްޔިތުންނަށް ކޮންމެހެން ބޭނުންވާނެ އަސާސީ ޚިދުމަތްތަކުން ފެށިގެން ގޮސް މުނިފޫހިފިލުވުމާއި ހިތްފަސޭހަ ދިރިއުޅުމެއް އުޅުމަށް ބޭނުންވާނެ ގިނަ ޚިދުމަތްތަކާއި ވަސީލަތްތައް އަޅުގަނޑުމެން މިދަނީ ގާއިމުކުރަމުން. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ގިނަ މަސައްކަތްތަކެއް މި ކުންފުނީގެ ފަރާތުން ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން އަރުވަން. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވީ މިފަދަ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ތަރައްޤީ ކުރާ ތަންތަންކަމަށާއި މިއި ރައްޔިތުންނަށް ހިތްފަސޭހަ ވގުތުތަކެއް ހޭދަކުރުމަށް ތަރައްޤީ ކުރާ ތަންތަންކަމަށެވެ. މިނިސްޓަރ ވަނީ ބޮޑު ހޭދައެއްކޮށްފައި ތަރައްޤީކުރާ މިފަދަ ތަންތަން ދާއިމަށް ބެހެއްޓުމަށްޓަކައި މިތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމަކީ ރައްޔުތުންގެވެސް ޒިންމާއެއްކަން ފާހަގަކުރައްވާފައެވެ.

"ރައްޔިތުން ބޭނުންވާނެ ފަދަ ހިތްފަސޭހަ ތަންތަން އަޅަންވާނެ. މިއީ ވަކިބަޔަކު އެޅިތަނެއްނަމަވެސް މިއީ ހަމަ ރައްޔިތުންގެ ފައިސާއިން އަޅަފައި ހުރިތަނެއް. އެޗްޑީސީގެ އިތުރަށް މިތަނަށް އަންނަ މީހުންވެސް މިތަން ރައްކާތެރިކުރުމަށް މަސައްކަތް ކުރަންވާނެ."މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވިއެވެ.

ފެންއަރުވާ ވަޑާމުގެ ދެފަޅިން ބަޔެއް ހުޅުވާލައި ކުޑަކުދިންނަށް ފެންގަނޑު ކައިރިއަށް ގޮސް ކުޅެވޭނެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އަދި ފެން އަރުވާ ވަޑާމުގެ މެދުގައި ފާލަމެއް ހަދައި އެތަނުން، މަންޒަރު ބެލޭނެ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ. ތުރުކީ ކުންފުންޏަކާ ހަވާލުކޮށްގެން ބިނާކުރި މިތަން ކޮންމެ ރެޔަކު ވެސް އޮޕަރޭޓްކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.