ޚަބަރު

ލ.އަތޮޅު ބޮޑު މަގުގެ މަސައްކަތް ޖުލައިމަހު ނިމޭނެ


ލ. އަތޮޅުގައި ތަރައްޤީކުރަމުންދާ ބޮޑުމަގުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމާލެވޭނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި މަގަކީ ލ.އަތޮޅު ފޮނަދޫ، ކައްދޫ، މާންދޫ އަދި ގަން ގުޅުވައިދޭ 16 ކިލޯ މިޓަރު ދިގު ފުޅާ މަގެކެވެ.  ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ހަދަމުންދާ މި މަގު ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިޔަށް އެބަދެއެވެ. ޗައިނާ އާއި ރާއްޖޭގެ ގުޅުން ރަމްޒުކޮށްދޭ މި މަގަކީ ލ. އަތޮޅުގެ ތަރައްޤީއާއި ގުޅިފައިވާ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މަގުގައި ކުރަންޖެހޭ ކާނު ހެދުމުގެ މަސައްކަތްތައް ފޮނަދޫ، ކައްދޫ، މާންދޫ ސަރަޙައްދުގައި ވަނީ މުޅިން ނިމިފައެވެ.  ގަމުގައި ކާނުގެ މަސައްކަތް ނިމިފައިވަނީ ބައެއް އަވަށްތަކުގައެވެ.  ތާރުގެ މަސައްކަތަށް ބަލާއިރު، ފޮނަދޫ ސަރަޙައްދުގައި މިހާރު ދަނީ ތާރު އަޅަމުންނެވެ. މީގެ އިތުރުން ކައްދޫ އަދި މާންދޫގައި މަގުގެ އެއް ފަޅީގައި ތާރު އަޅާ މިހާރު ވަނީ ނިންމާފައެވެ. ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިހާރު މަސައްކަތް ކުރިއަށްދާ ދުވެއްޔަށް ބަލާއިރު، ކަނޑައެޅިފައިވާ ތާރީޚަށްވުރެ އަވަހަށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.  އެގޮތުން ސެޕްޓެމްބަރުމަހަށް ނިންމަންޖެހޭ މަސައްކަތް ޖުލައި މަހަށް ނިންމާލެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މަޝްރޫޢާއެކު ގަން އަދި ފޮނަދޫ ސަރަޙައްދުގައި އިގްތިޞާދީ މަސައްކަތްތައް އިތުރުވެގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. "މަސައްކަތް ފެށި އިރުވެސް، މަސައްކަތް ކުރަމުންދާ ޗައިނާގެ ކުންފުނިން ބުނެފަ އޮތީ، ކަނޑައަޅާފައިވާ ތާރީޚުގެ ކުރިން ނިމޭނެ ކަމަށް. ސެޕްޓެމްބަަރު މަހަށް ނިންމަން އޮތީ. ނަމަވެސް ކޮންޓްރެކްޓަރ އެބަ ބުނޭ ޖުލައި މަހު ނިންމާލެވޭނެޔޭ. އެހެންވީމާ އެބޭފުޅުންގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ޤަބޫލު ކުރެވޭ. " މުޢިއްޒު ވިދާޅުވިއެވެ.   ލ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ދެ ރަށްކަމުގައިވާ ގަމާއި، ފޮނަދޫ ގުޅުވައިދޭ މަގާއެކު، 6000 މީހުންގެ އާބާދީއެއް އޮތް މި ސަރަޙައްދުގެ ރައްޔިތުންނަށް އެތައް ގޮތަކުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ދެރަށުގެ ކައުންސިލްތަކުން ވިދާޅުވެއެވެ. މިއާއެކު، ބޮޑު މަގުގެ މަސައްކަތް ނިމުމުން ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ ތަރައްޤީގެ ދުވެއްޔަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އެ އަތޮޅުގެ ރައްޔިތުންވެސް ޤަބޫލުކުރެއެވެ.  ލ.އަތޮޅު ބޮޑު މަގުގެ މަސައްކަތް ކުރަމުންދަނީ ޗައިނާގެ ޖޭ ޓެކް ގްރޫޕުންނެވެ. މި މަޝްރޫޢަށް ޗައިނާ ސަރުކާރުން ވަނީ 30 މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް ދީފައެވެ.