ސިޔާސީ

ނަޝީދު މިނިވަންކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް !


އދ. ގެ ވޯކިންގ ގްރޫޕްގެ ނިންމުމަށް އިޙްތިރާމްކޮށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދޫކޮށްލުމަށް ހޯމް މިނިސްޓްރީއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކައްދަކަވަމުން ރައީސް ނަޝީދުގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ، ޙިސާން ޙުސައިން ވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އިއްވަވާފައިވާ 13 އަހަރުގެ ޖަލު ޙަކުމާމެދު  އދ. ގެ ވޯކިންގ ގްރޫޕުގެ ޤަރާރުގައި ބުނާ ވާހަކަތަކަށް އިޝާރާތްކުރައްވާ ވާހަކަދައްކަވާފައެވެ. މީގެ އިތުރުން ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ އިތުރު މައްސަލައެއް މިއަދު ހައިކޯޓަށް ހުށަހަޅާފައެވެ. އެއީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން މިއަހަރުގެ ޖުލައިމަހުގެ 19 ވަނަ ދުވަހު ރައީސް ނަޝީދު ގޭބަންދަށް ބަދަލުކުރެއްވިކަމަށް ފޮނުވާފައިވާ ސިޓީކަމަށް ބުނާ މައްސަލައާގުޅޭ މައްސަލައެކެވެ. މި މައްސަލަ މީގެ ކުރިން ވަނީ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ބޭރުކޮށްލައްވާފައެވެ. ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުން ބުނީ، ހައިކޯޓަށް އަލުން މި މައްސަލަ ހުށަހަޅާފައި ވަނީ ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާޢަތްތައް ފުރިހަމަކުރުމަށް ފަހުގައިކަމަށެވެ.