ކުޅިވަރު

ރާއްޖެ އިސްތިހާރު ކުރުމަށް ކުޅިވަރު މުހިންމު ރޯލެއް އަދާކުރޭ - ނާއިބުރައީސް


ކުޅިވަރަކީ ރާއްޖެއަށް ރީތިނަން ހޯދައިދިނުމުގެ އިތުރުން، ރާއްޖެ އިސްތިހާރު ކުރުމުގައިވެސް ވަރަށް މުހިންމު ރޯލްއެއް އަދާކުރާ ބައެއްކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ބަންގްލަދޭޝްގައި މިމަހުގެ 15ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސާބާ ބާސްކެޓް ބޯޅަ މުބާރާތަށް ޤައުމީ ޓީމް ފުރުމުގެ ކުރިން އެޓީމާއި ބައްދަލުކޮށް ނައިބް ރައީސްވަނީ ހިތްވަރުދެއްވާފައެވެ. ކުޅުންތެރިންނާއި މުޚާޠަބުކޮށް ނައިބް ރައީސް ދެއްކެވިފާހަކަފުޅުގައި ވިދާޅުވެފައިވަނީ ކުޅިވަރަކީ މިހާރު ދިރިއުޅުމުގެ އެއްބައިކަމަށާއި މިއީ ވަކި އުމުރަކަށް އޮންނަ ކަމެއްނޫންކަމަށެވެ. ޚާއްސަކޮށް މިއަދުފެ ސަރުކާރުން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ޚާއްސަ ސަމާލްކަމެއް ދެއްވައިގެން މަސައްކަތްކުރާއިރު، ސަރުކާރުގެ ފެށުންވެސް ފެނިގެންދިޔައީ ކުޅިވަރުގެ ފެސްޓިވަލަކުންކަން ނައިބް ރައީސްވަނީ ފާހަގަކުރައްވާފައެވެ. ކުޅިވަރުގެ ސަބަބުން ގައުމަށްވެސް ވަރަށް ބޮޑު ފައިދާތަކެއް ކުރާކަމަށާއި ރައްޔިތުން އެއްބައިވަންތަ ކުރުވުމާއި އެކަކު އަނެކަމުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެގެން ދިއުމަކީވެސް ފާހަގަކުރެވޭކަމެއްކަމަށެވެ. އަދި މިއީ ގައުމެއްގެ އެންމެ މުހިންމު އެއްބައިކަމަށެވެ.

"ކުޅިވަރުގެ ސަބަބުން ގައުމަށް ލިބޭ ރީތިނަން، މުޅި ދުނިޔެއަށް އިސްތިހާރުވެގެންދާ ދިއުން، ޚާއްސަކޮށް ރާއްޖެ ކަހަލަ ގައުމަކަށް އެއީ ވަރަށް މުހިންމުކަމެއް. ރާއްޖޭގެ އެންމެ ބޮޑު އިގްތިސާދަކީ ފަތުރުވެރިކަން ކަމަށްވާއިރު، ރާއްޖެ ދުނިޔޭގެ އެހެންގައުމުތަކަށް އިނގުން އެއީ ވަރަށް މުހިންމުކަމެއް. ކުޅިވަރަކީ ރާއްޖެ އިސްތިހާރު ކުރުމަށް ވަރަށް ބޮޑު ރޯލެއް ކުޅޭ ބައެއް. ފާއިތުވެގެން ދިޔަ ދެތިން އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނޭ ރާއްޖެއަށް ކުޅިވަރުން ރީތިނަން ހޯދާފައިވާތަން. އެހެންކަމުން މިފުރުސަތުގައި ކުޅިވަރުގައި ޝާމިލްވާ ހުރިހާ ފަރާތްތަކަށްވެސް މިކަމުގެ ސަބަބުން ވަރަށް ބޮޑަށް ޝުކުރުއަދާކުރަން." ނައިބް ރައީސް ބުންޏެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ކަންކަމުގައި ޚިޔާލު ތަފާތުވުންތަކެއް ހުރިނަމަވެސް، ކުޅިވަރުގައި ކާމިޔާބު ހޯދަން ބޭނުންވާކަމަށްވާނަމަ، ހިލާތު ތަފާތުވުންތައް ދޫކޮށްލާ އެންމެން އެއްކޮށް މަސައްކަތް ކުރުން ވަރަށް މުހިންމުކަމަށެވެ. އަދި ކުޅިވަރުގެ ތެރެއިން ގައުމު އެއްބައިވަންތަ ކުރުމާއި ހިޔާލު ތަފާތުވުންތައް ނައްތާލުމަށްވެސް ކުޅިވަރު އެތުލީޓުން މަސައްކަތްކޮށްދެއްވުމަށް ނައިބް ރައީސް ފައިސަލް ނަސީމްވަނީ ގޮވާލައްވާފައެވެ.