ޚަބަރު

ނ.ޢ.ޢ.ވ ޢަލީ ޢުމަރު މަނިކުގެ ތަޢުޒިޔާގެ ދަފްތަރު ހުޅުވާލުން


ނިޝާން
ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، ޢަލީ ޢުމަރު މަނިކުގެ ތަޢުޒިޔާގެ ދަފްތަރު
ހުޅުވާލައިފިއެވެ.



ޢަލީ
ޢުމަރު މަނިކުގެ ތަޢުޒިޔާގެ ދަފްތަރުގައި، ފުރަތަމަ ތައުޒިޔާގެ މެސެޖެއް
ލިޔުއްވާފައިވަނީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދެވެ. 



ފޮރިން
މިނިސްޓްރީން ވިދާޅުވީ ޢަލީ ޢުމަރު މަނިކުގެ ތަޢުޒިޔާގެ ދަފްތަރުގައި ލިޔުއްވުމުގެ
ފުރުސަތު މިއަދު ހެނދުނު ނުވައަކުން ފެށިގެން ހަވީރު ފަހެއް ޖެހުމާ ހަމަޔަށް
އާންމުކޮށް ހުޅުވާލެއްވިކަމަށެވެ.



ޢަލީ
ޢުމަރު މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައިވަނީ މި މަހުގެ ވިހިވަނަ
ދުވަހުގެ ވަގުތެއްގައި ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައެވެ.
އަވަހާރަވިއިރު ޢުމުރުފުޅަކީ، 80 އަހަރެވެ.



ނިޝާން
ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ މާފަންނު ޕާމްކޯޓު ޢަލީ ޢުމަރު މަނިކަކީ ދިވެހި
ދައުލަތަށް ވަރަށް ގިނަ ދުވަހު ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ
ބޭފުޅެކެވެ. އެމަނިކުފާނު ވަނީ 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ސަރުކާރަށް
އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެެއްވާ އަދި ސަރުކާރުގެ ވަރަށް އިސް
މަޤާމުތަކެއް ފުރުއްވާފައިވެއެވެ. އެ މަނިކުފާނުވަނީ ރައީސް އިބްރާހީމް
ނާޞިރުގެ ދައުރުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމު
ފުރުއްވާފައިވެއެވެ.



އެމަނިކުފާނު
ސަރުކާރުގެ ޚިދުމަތް ފެށްޓެވީ، 13 ޖުލައި 1958 ގައެވެ. ފުރަތަމަ އަދާކުރެއްވީ،
ޚާރިޖިއްޔާގެ ސަފީރު އޮފީހުގެ ވެރިޔާގެ ސެކްރެޓަރީ ކަމުގެ މަޤާމެވެ. އޭގެފަހުން،
ވަޒީރުލް އަޢުޡަމްގެ އޮފީހުގެ ޚާއްޞަ ވަކީލު ކަމުގެ މަޤާމާއި، ދިވެހި ދައުލަތުގެ
ވިޔަފާރިއާބެހޭ ސަފީރުކަން ކުރައްވާފައިވެއެވެ. އަދި މިނިސްޓަރ އޮފް ޝިޕިންގ
ކަމުގެ މަޤާމުވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.