ވިޔަފާރި

ފްރީޓްރޭޑް އެގްރީމެންޓާއި ގުޅޭ މަޝްވަރާތައް ވަރަށް ކާމިޔާބު


ރާއްޖެއާއި ޗައިނާއާ ދެމެދު އެކުލަވާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ފްރީޓްރޭޑް އެގްރީމެންޓު ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭ ރަސްމީ މަޝްވަރާތަކުގެ ފުރަތަމަ ބުރު ވަރަށް ކާމިޔާބު ކަމަށާއި ދެޤައުމުންވެސް ބޭނުންވަނީ ވީ އެންމެ އަވަހަކަށް މި އެގްރިމެންޓް އެކުލަވާލުމަށް ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ބަނޑޮސް އައިލެންޑް ރިސޯޓްގައި ކުރިއަށް ގެންގޮސްފައިވާ ރަސްމީ މަޝްވަރާތަކާއި ގުޅޭގޮތުން މީޑިއާ އަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ  ރަސްމީ މަޝްވަރާ ބައްދަލްވުންތަކުގެ ދެވަނަ ބުރު އަންނަ ފެބްރުއަރީމަހުގެ ނަވާވީހުން މާރޗްމަހުގެ 4 ވަނަ ދުވަަހުގެ ނިޔަލަށް، ޗައިނާގެ ބެއިޖިންގައި ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި 2016 ވަނަ އަހަރުގެ ފަހުކޮޅު ނުވަތަ 2017 އަހަރުގެ ކުރީކޮޅު ޗައިނާ އާއި ރާއްޖެއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރ ސައީީދު ވިދާޅުވިއެވެ.މިނިސްޓަރ ސައީދު ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ޤައުމަކުން ޗައިނާފަދަ އިޤްތިސާދީ ގޮތުން ބޮޑު ޤައުމަކާއެކު ފްރީ ޓްރޭޑް އެގްރިމެންޓެއް ޤާއިމްކުރެވިގެން ދިޔުމުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އަމާޒަކީ ޓެރިފް ލައިނެއް ނެތި ޗައިނާގެ ބާޒާރަށް ރާއްޖެއިން މަސް އެކްސްޕޯޓް ކުރެވޭނެ ގޮތެއް ހެދުން ކަމަށްވެސް މިނިސްޓަރ ސަޢީދު  ވިދާޅުވިއެވެ.ޗައިނާ އާއި އެކު ފްރީ ޓްރޭޑް އެގްރިމެންޓެއްގައި ސޮއި ކުރެވިގެން ދިޔުން ވެގެންދާނީ އެފަދަ އެގްރިމެންޓެއްގައި ބޭރުގެ ޤައުމަކާއެކު ރާއްޖެއިން ސޮއި ކުރާ ފުރަތަމަ ފަހަރަށެވެ.