ޚަބަރު

ވައި ގަދަވާނެކަމަށް ލަފާކުރެވޭ، ކަނޑުދަތުރުކުރުމުގައި ސަމާލުވޭ!


ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކޯސްޓުގާޑުން އިލްތިމާސްކުރައްވައިފިއެވެ.

ކުރިއަށް އޮތް 3 ދުވަހު ރާއްޖެ ސަރަޙައްދަށް ވައިދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވާފައިވެއެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލަރޓްވެސްވަނީ ނެރެފައެވެ. ހއ.އަތޮޅާއި ހދ.އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަށްވަނީ އެލަރޓް ނެރެފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ ވައިގަދަވެ ކުރިމަތިވެދާނެ ހާދިސާއަކަށް ހުރިހާ ފަރާތްތަކުން ސަމާލްވުމަށާ، ޚާއްސަކޮށް ކަނޑު ދަތުރުކުރުމުގައި ސަމާލްވުމަށް އިލްތިމާސްކުރައްވާކަމަށެވެ.

ކަނޑު ދަތުރަށް ނިކުންނަ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދުމަށްފަހު ދަތުރުތައް ރޭވުމަށާއި، ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އަދި އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕުފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.

ޚާއްޞަކޮށް ކުދި އަދި ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށްވަނީ އިލްތިމާސްކުރައްވާފައެވެ. މުދާ އުފުލާ އުޅަނދުފަހަރުންވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލު ކުރުމާއި އޮޑިފަހަރު އަޅާފައި ބާއްވާއިރު ރަނގަޅަށް ސަމާލުވެ ބެލެހެއްޓުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.