ޚަބަރު

އެމްއެންޑީއެފްގެ ގިނަ ޚިދުމަތްތަކެއް ހިމެނޭ "ކަލާސީން ކޮށި" ހުޅުވައިފި


ހުޅުމާލޭގައި ޤާއިމުކުރި އެމްއެންޑީއެފްގެ "ކަލާސީން ކޮށި" މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ މިއަދު ހުޅުވައި ދެއްވައިފިއެވެ.

ކަލާސީނު ކޮށީގައި މިއަދު ހުޅުވި ތަންތަނުގެ ތެރޭގައި، މެރިޓައިމް އެންޑް ލޮޖިސްޓިކް ބޭސް، ސްމޯލް ބޯޓް ރިޕެއަރ އެންޑް މެއިންޓެނެންސް ސެންޓަރ، ކޯސްޓްގާރޑް ސެކަންޑް ސްކޮޑްރަން، ކޯސްޓްގާރޑް ޑައިވިނގ ޔުނިޓް އަދި ޓްރާންސްޕޯރޓް ސަރވިސްގެ ބޯޓް އޮޕަރޭޝަން ސެންޓަރ ހިމެނެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ކަލާސީން ކޮށީގައި ހިމެނޭ ގިނަ ޢިމާރާތްތަކަކީ، ކޯވިޑް-19ގެ ޕެންޑެމިކް ތެރޭގައި، މި ސަރވިސްތަކާ ގުޅުންހުރި ޔުނިޓްތަކުގެ ސިފައިން، ރައްޔިތުންނަށް ބޭނުންވި ޚިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޮށްދެމުން ކޮށްފައިވާ ބުރަ އަދި ބޮޑެތި މަސައްކަތްތަކެއްކަމަށެވެ.

މި ޢިމާރާތްތަކުގެ ޑިޒައިނިންގއިން ފެށިގެން އިންޓީރިޔާގެ ހުރިހާ މަސައްކަތް ތަކަކީވެސް ސިފައިންގެ ހުނަރުވެރިކަން ދައްކައިދޭ މަސައްކަތްތަކެކެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ޤައުމީ ދިފާއީ ބާރުގެ މޭންޕަވަރ، ރިސޯސަސް ސިސްޓަމްސް އަދި އޮޕަރޭޝަނަލް ސެންޓަރސް ޤާއިމްކޮށް، ރައްޔިތުންނަށް ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކާ ޤައުމީ ދިފާއީ ބާރަކީ ވަރުގަދަ، ޕްރޮފެޝަނަލް ބަޔަކަށް ހެދުމަކީ މިއަދު ގެ ލީޑަރޝިޕްގެ އެންމެ ބޮޑު އެއްއަމާޒެއްކަމަށެވެ.

އެގޮތުން ކަލާސީން ކޮށީގައި މި ހުޅުވި ޚިދުމަތްދޭ ސެންޓަރ ތަކުގެ ސަބަބުން ސިފައިންގެ ޤާބިލްކަން އިތުރުވެ، ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް ފުޅާވެ އަވަސް ވެގެން ދާނެކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. އަދި ކަނޑުގެ އުޅަނދު ފަހަރަށް ދިމާވާ މައްސަލަތައް އިހުނަށްވުރެ ފަސޭހަކަމާއެކު ޙައްލުކުރެވި، ކަނޑުމަގުން ދެމުންދާ ޚިދުމަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށާ، ހުޅުމާލޭގައި ހުޅުވި ކަލާސީން ކޮއްޓަކީ އެމްއެންޑީއެފްގެ ތާރީޚުގައި ހުޅުވާލެވުނު އައު ސަފްހާއެއްކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުالله ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފާއި ޖެނެރަލް އޮފިސަރުންނާއި ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވިއެވެ.