ޚަބަރު

ރައީސް ސާބިތުކޮށްދެއްވީ މަޑުމައިތިރިކަން އިސްކޮށް، ޤައުމު ކުރިއަށް ގެންދެވޭނެކަން: އިމްރާން


މަޑުމައިތިރިކަން އިސްކޮށްގެން، ހަލަބޮލިކަމާއި ހަމަނުޖެހުމާ ނުލައި، ޖުމްހޫރީ ވެރިކަމުގެ ހަމަތަކުގެ މަތިން، ރައްޔިތުންގެ ބައިވެރިވުމާއެކު ޤައުމު ކުރިއަށް ގެންދެވިދާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ސާބިތުކޮށް ދެއްވާފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ޖުމްހޫރީ ވެރިކަމަށް ބަދަލުވެގެން ދިޔަ ދިއުމަކީ ދިވެހިންގެ ހޭލުންތެރިކަމާއި ވިސްނުމާއި ކުރިއެރުން ބަދަލުވެގެން އައި މިންވަރު ވަރަށް ރީތިކޮށް ރަމްޒު ކޮށްދިން ކަމެއް ކަމަށެވެ. މިނިސްޓަރ އިމްރާން ވިދާޅުވީ މިއީ ދިވެހިން ޒަމާނަށް ލޯހުޅުވި ތަރައްޤީއާއި ދިވެހިންގެ ކުރިއެރުމަށް އެކުގައި މަސައްކަތް ކުރިކަން ދައްކައިދިން އަލިގަދަ ހަގީގަތެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިއަދުގެ ސަރުކާރަށް ތިން އަހަރު ވެގެންދާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ސާބިތު ކޮށްދެއްވަނީ ހަލަބޮލި ސިޔާސީ މާހައުލެއްގައި އިޤްތިޞާދީ ގޮންޖެހުން ބޮޑު ވަގުތެއްގައި ނުތަނަވަސް ކަމާއި ދަތިކަމުން އެއްކިބާވެ ހަލަބޮލިކަމާއި ހަމަނުޖެހުމާއި ނުލައި އަމާންކަމާއި ރައްކާތެރިކަމާއެކު ސަރުކާރު ހިންގުމުގައި ހުރިހާ ރައްޔިތުން ބައިވެރިކޮށްގެން ޖުމްހޫރީ ވެރިކަމެއް ކުރެވިދާނެ ކަމުގެ ފުރިހަމަ ހަގީގަތް ކަމަށެވެ.

މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ 2013 ވަނަ އަހަރު ޖުމްހޫރީ ނިޒާމުގައި ޖެހުނު ކުޑަ ގޮށެއްގެ ސަބަބުން ޖުމްހޫރީ ދުވަހަށް ކޮންމެވެސް ވަރެއްގެ ކިލަނބު ކަމަކާއި އައިބު ކަމެއް އައިސްފައިވާ ކަމުގައެވެ. އެހެން ނަމަވެސް 2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އެގޮށް މުއްސަވައި ދެއްވައި ޖުމްހޫރީ ދުވަހުގެ ހައިބަތާއި ޤަދަރާއި ޝަރަފު އަނބުރާ ގެނެސްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޖުމްހޫރީ ވެރިކަމުގެ ނިޒާމުގެ ތެރެއިން ލާމަރުކަޒީ އުސޫލުތައް ދިވެހިރާއްޖޭގައި ޤާއިމް ކުރުވި ރަށްރަށާއި އަތޮޅުތަކުގެ ހިންގުން ހަރުދަނާ ކުރެވި ރައްޔިތުންނަށް އެބައިމީހުންގެ ކަންކަން ގާތުން ފަސޭހައިން ކުރުމަށް ލާމަރުކަޒީ ނިޒާމުގެ ސިފަތައް ފުރިހަމަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވާ މަސައްކަތަކީ ޖުމްހޫރީ ނިޒާމެއް ފުރިހަމަ ވެގެން ދިއުމަށް ވަރަށް ކާމިޔާބު ކަމެއް ކަމަށެވެ.

އަދި ޖުމްހޫރީ ނިޒާމުގެ ފަހިކަމާއި ފުރިހަމަކަން ލިބުމަށްޓަކައި ލާމަރުކަޒީ ނިޒާމުގެ އެންމެ ފުރިހަމަ ސިފަތައް ލިބިގެންވާ ފުރިހަމަ ނަފާ ރައްޔިތުންނަށް ލިބިގަތުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އިމްރާން ވިދާޅުވީ މި ނިޒާމުގެ ތެރެއިން ހޯދެންހުރި ހުރިހާ މުހިންމު ސިފަތައް ހޯދުމަށްޓަކައި ސަރުކާރާ ރައްޔިތުންނާއެކު ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.