ޚަބަރު

"ކޯވިޑަކީ ބަހަނާއަކަށް ދެއްކޭކަށް ނެތް، ކުރިއަށް އޮތީ މަސައްކަތް ނިންމުމުގެ 2 އަހަރު"


ކޯވިޑް-19ގެ ޙާލަތުގެ ސަބަބުން ލިބުނު ގެލުމާއި ގެއްލިގެންދިޔަ ދިގު މުއްދަތަކީ ބަހަނާ އެއްގެ ގޮތުގައި ބެލެވޭކަށް ނެތްކަމަށާ، ކުރިއަށް އޮތީ ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ޤައުމީ ތަރައްޤީގެ މަސައްކަތްތައް ފުރިހަމަކޮށް ނެންމެވުމުގެ 2 އަހަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި، ސަރުކާރުގެ މައިގަނޑު އަމާޒު ސީދާ ކުރަންޖެހެނީ މިފަސްއަހަރަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ކަންކަން ފުރިހަމަކުރައްވައި ނިންމެވުމަށްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން 2022ވަނަ އަހަރުގެ ބަޖެޓް ސަރުކާރުން ހުށަހަޅުއްވާފައިވާނީ އެމިސްރާބަށް ވާޞިލްވުމުގެ އަމާޒުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަންނަ އަހަރު، އިޖްތިމާޢީ ދާއިރާއަށް ޚާއްޞަ އިސްކަމެއް ބަޖެޓްގައި ދެވިފައިވާނެކަމަށާ، ސިއްޚީ ދާއިރާގެ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ޑޮކްޓަރުންނާއި ނަރުހުން، ހޯދުމަށް ބަޖެޓްކުރެވިފައިވާނެކަން ރައިސް ފާހަގަކުރެއްވިއެވެ.

"ނަފްސާނީ ބަލިތަކާމެދު ނަފްސުތަށް ހޭލެވެން ފެށިއިރު އޭގެ ފަރުވާ ހޯދުންވެފައި އޮތީ ވަރަށް ބޮޑު ދަތިކަމަކަށް. އައިޖީއެމްއެޗްއިން އެޕޮއިންޓްމެންޓެއް ހަދައިގެން ޑޮކްޓަރަށް ދެއްކުމަށް ކުރަން ޖެހޭ އިންތިޒާރު ދިގު. މި މުއްދަތު ކުރުކޮށް، ރައްޔިތުންނާ ގާތުން މިޚިދުމަތް ވެސް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް ދަނީ ކުރެވެމުން. މާލޭގެ އިތުރުން، އަތޮޅުތެރޭގައި ރީޖަނަލް މެންޓަލް ހެލްތު ޕްރޮގްރާމް އަންނަ އަހަރު ފެށޭނެ. ޓާޝަރީ ހޮސްޕިޓަލްތަކުގައި މެންޓަލް ހެލްތް ޔުނިޓްތައް ތަރައްޤީކުރެވޭނެ." ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގައި އޮތް އިޖުރިމާޢީ އެންމެބޮޑު އެއް މައްސަލަކަމަށްވާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެތަކެތި އެތެރެވާ ދޮރުތައް ބަންދުކުރުމަށް މިދިޔަ 3 އަހަރު ކުރެވުނު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާ، އޭގެ ނަތީޖާވެސް ރަނގަޅުކަމަށް ރައީސް ވިދާޅުވިއެވެ.