ޚަބަރު

މިހާތަނަށް އަންނާނެ އެންމެ ސާފުތާހިރު 5 އަހަރު ކަމުގައި، މިފަސްއަހަރު ވެގެންދާނެ: ރައީސް


ކުރިއަށް އޮތް ދެއަހަރާއެކު، ދިވެހިޖުމްހޫރިއްޔާއަށް މިހާތަނަށް އަންނާނެ އެންމެ ސާފުތާހިރު ފަސްއަހަރަކީ، މިފަސްއަހަރުކަމަށް ވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މުހިންމުކަމުގެމައްޗަށް ވާހަކަފުޅުދައްކަވަމުންނެވެ.

ތަރައްގީގެ ވާހަކަ ދައްކަން ފެށޭނީވެސް ގައިން ތާހިރުވެ ތިބެގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވާ ވާހަކަފުޅު ތަކުރާރުކުރައްވަމުން ވިދާޅުވީ ދިވެހިޖުމްހޫރިއްޔަތުގެ ތެރޭން، ފާއިތުމިވީ 3 އަހަރުގެ މައިގަނޑު އެއް އަމާޒަކީ، ހުރިހާ ރަށެއްގައި ސާފު ފެނާއި ނަރުދަމާގެ މަސައްކަތް ހިންގުންކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެއަހަރާއެކު، ދިވެހިޖުމްހޫރިއްޔާއަށް މިހާތަނަށް އަންނާނެ އެންމެ ސާފުތާހިރު ފަސްއަހަރު ކަމުގައި، މިފަސްއަހަރު ވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޖުމްހޫރީ ވެރިކަމެއްގައި އެންމެ އިސްކަމެއްދޭންޖެހޭނީ ސީދާ ރައްޔިތުންނާ ގުޅިފައިވާ ކަންކަން އެންމެ ފުރަތަމަ ޙައްލުކުރުންކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން އެމީހުން ބިނާ ކުރުމަކީ، ވޭތުވެދިޔަ 3 އަހަރުގެ މައިގަނޑު މަޝްރޫޢުތަކުގެ، އެންމެ ވަރުގަދަ ބިންގާކަމަށާ، ތައުލީމާއި ތަމްރީނާއި ޞިއްޙަތަކީ ފުރިހަމަ ރައްޔިތަކު ބިނާކުރުމުގެ ނާރެސްކަމުގައި ވިދާޅުވިއެވެ.

"އެރައްޔިތުންގެ ގާބިލްކަމާ، އަރާ އަރަފޯދުމާ، ކެރިފޯރުންތެރިކަން ބިނާވާނީ، މީހުން މީހުނަށް ހަދައިގެން. ދިރުންހުރި މުޖުތަމަޢަކާ، ޖޯރު ހުރި އިގްތިޞޯދެއްގެ ފެށުމަކީ، ތަޢުލީމާ ހުނަރު. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މިހާރު އޭ-ލެވެލް އަށް ކިޔަވައިދެވޭ. ހިލޭ ޑިގްރީ އަށް ކިޔަވައިދޭން ފެށިއްޖެ. ސްޓޫޑަންޓް ލޯން ސްކީމް ފުޅާކުރެވިއްޖެ. އެއްދަންފަޅީގެ ތަޢުލީމީ ނިޒާމަށްޓަކާ، 1000 އަށްވުރެ ގިނަ ކްލާސް ރޫމްގެ މަސައްކަތް ހިނގަމުން އެބަދޭ. ކޯވިޑް-19 ގެ ބަލިމަޑު ކަމުގެ ފުރަބަންދަށްފަހު ދުނިޔޭގައި އެންމެ އަވަހަށް ސްކޫލްތަށް ހުޅުވި 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައްޔިތުންނާ ސީދާ ގުޅުންހުރި މުހިންމު ކަންތައްތަކުގެ ތެރޭގައި ލާމަރުކަޒީ ނިޒާމު ހިމެނޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ނިޒާމުގެތެރެއިން އުފެދޭ އަނެއް ފަށަލައަކީ ސަރަޙައްދީ ތަރައްގީކަމަށެވެ. ދިރިއުޅޭ ސަރަހައްދާ ގާތުން ފެންވަރު ރަނގަޅު ޒަމާނީ ޞިއްޙީ ފަރުވާ ލިބިދިނުމަކީ، މިފަށަލައިގެ ފެށުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ 5 ސަރަހައްދަކުން ޓަރޝަރީ ފެންވަރުގެ ޞިއްޙީ ހިދުމަތް ލިއްބައިދިނުމަށް ކުރެވޭ މަސައްކަތާއި ހޭދައަކަށް ހުއްޓުމެއްނާންނަކަމަށް ވިދާޅުވިއެވެ.

"ބޮޑެތި ބައެއް އޮޕަރޭޝަންތައް ކުރުމާއި، ސްޕެޝަލިސްޓް ޚިދުމަތްތައް މާލެ ނައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސިއްޖެ. އަދި މޮބައިލް ލެބޯރޓްރީ ޚިދުމަތާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ދެނެގަނެވިއްޖެ. ނަފްސާނީ ބަލިތަކަށް އާސަންދައިން ފަރުވާ ކުރެވޭނެ ގޮތް ހެދިއްޖެ. އަންނަ އަހަރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރައިމަރީ ހެލްތްކެއަރގެ ނިޒާމް ހަރުދަނާކުރުމުގެ މަސައްކަތް ތަންފީޒުވާން ފަށާނެ. ސިއްޙީ ހިދުމަތުގެ ފެންވަރު މަތިކުރުމުގެ މަސައްކަތްކުރާއިރު، ރަނގަޅު ކުރަން ވަރަށް ގިނަ ކަންކަން އަދިވެސް އެބަހުރި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ ހެލިފެލިވުމާ ގުޅިފައިވަނީ، އިގްތިޞާދީ ޙަރަކާތްތައްކަމަށާ، އަދި އިގްތިޞާދީ ހަރަކާތް ގުޅެނީ، ފުދުންތެރި މުޖުތަމައަކަށް ކމަށެވެ. އަދި ފުދުންތެރި މުޖުތަމައަކުން އުފެދެނީ، އަރަފޯދިގެންވާ ޖުމްހޫރިއްޔަތެއްގެ ވެރި މުސްތަގިއްލު ގައުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.