ވަކި ސިޔާސީ ފިކުރަކުން މަޖުބޫރު ކުރެވޭ ސިވިލް ސަރވެންޓެއް ރާއްޖޭގައި ހުންނާކަށް އެދިވަޑައިނުގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީ ވަކިކަމެއްގައި ނޫޅެގެން ފިޔަވަޅު އެޅި، އެކަހެރިކުރެވި، މަގާމުން ވަކި ކުރުމުގެ ފުރުޞަތު އެއްވެސް ޙާލެއްގައި އޮވެގެން ނުވާނެކަމަށެވެ. ސިވިލްސަރވަންޓުންނަކީ އެމީހަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމިތިބެވޭނެ މިނިވަން ބައެއްކަމަށާ، އެއީ ސިޔާސީ މަސައްކަތުގައި ވަކި ބަޔަކަށް ގުލާނުކޮއްދިނުން މަޖުބޫރު ސިޔާސީ ބައެއް ނޫންކަމުގައި ރައީސް ވިދާޅުވިއެވެ.
"ސިވިލްސާރވަންޓުން ދެއްވާ ޚިދުމަތުގައި ސިޔާސީ ފިކުރެއް ، ކުލައެއް ، ވަހެއް އަދި ރަހައެއް އޮވެގެން ނުވާނެ. ކުރައްވަންޖެހޭނެހާވެސް ކަމަކީ ސަރުކާރުގެ ސިޔާސަތާއި ވަޢުދުތައް އޭގެ ގޮތުގައި ތަންފީޛު ކުރެއްވުން. އެއީ ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރަން ތިބި ޤައުމީ ޚިދުމަތުގެ ފައުޖު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ވަކި ފަރުދެއް ނުވަތަ ވަކި ރަށެއް ފަރަގު ނުކޮށް، ސަރުކާރުން ދޭންޖެހޭ ޚިދުމަތް ހަމަހަމަ ކަމާ އެކު ފޯރުކޮށްދިނުމަކީ އިޖްތިމާޢީ އިންސާފުކަމަށެވެ. ވޭތުވެދިޔަ 3 އަހަރުދުވަހު ސަރުކާރުން މަސައްކަތްކުރައްވާފައިވާނީ މި ހަމަ ހިފެހެއްޓެވުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޖުމްހޫރިއްޔަތަކީ ހުރިހާ އެންމެން އެކުވީމާ ކިޔާނަމެއްކަމަށާ، އެއީ ރައްޔިތުންގެ ވެރިކަމުގެ އެންމެ އަސާސީ ސިފަކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ޚިޔާލުފާޅު ކުރުމާއި އެއްވެ އުޅުމާއި ދުލާއި ގަލަމުގެ މިނިވަންކަން ރާއްޖޭގައި އެބައޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ވަކިރައްޔިތަކު، ނުވަތަ ބަޔަކު ބޭނުންވާ ގޮތުގެ މައްޗަށް ސަރުކާރުން އިތުރަށް އިސްކުރަން އޮތިއްޔާ އޮންނާނެ އެއްޗަކީ އެންމެންގެ ލާބައާއި ޤައުމީ މަސްލަޙަތުކަމަށެވެ. ހާސް ފަހަރު ގޮތްދޫކޮށް، ރައްޔިތުން އެދޭ ގޮތަށް ދީލާލުމަށްވުރެ ވަކި މޮޅުކަމެއް ޖުމްހޫރީ ވެރިކަމަކުން ނުކުރާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.