ޚަބަރު

"މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2021"ގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް


"މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2021"ގެ މީޑިއާ ޕާޓްނަރަކަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމް ހަމަޖައްސައިފިއެވެ.

މިކަމާގުޅޭގޮތުން މިއަދު ވަނީ މިއަހަރުގެ ފޯރަމް އިންތިޒާމްކުރާ ފަރާތްކަމަށްވާ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އާއި ޕީ.އެސް.އެމްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ސީއޭ މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއޭ މޯލްޑިވްސްގެ ރައީސް، އަދި އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީއެވެ. އަދި ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދެވެ.

"މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2021" ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 އިން 17 އަށެވެ. ސީއޭ މޯލްޑިވްސްއިން ޕީ.އެސް.އެމްއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ފޯރަމްގެ މީޑިއާ ކަވަރޭޖް އަދި ފޯރަމްގެ އެންމެފަހުގެ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ދެ ފަރާތް ގުޅިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސީއޭ މޯލްޑިވްސްގެ ރައީސް އަދި އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ދެއްކެވި ވާހަކަފުޅުގައި ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ފޯރަމްގެވެސް މީޑިއާ ޕާޓްނަރަކަށް ޕީ.އެސް.އެމް ހަމަޖެހިގެން ދިއުމަކީ ސީއޭ މޯލްޑިވްސްއަށް ލިބުނު ފަޚުރެއްކަމަށް ވިދާޅުވިއެވެ. އަދި މި ފޯރަމްގެ މަޢުލޫމާތު ވަގުތުން ވަގުތަށް އާއްމުންނަށް ލިބިގެން ދިއުމަކީ އުއްމީދެއްކަމަށާއި، މިފަދަ ހަރަކާތްތަކުގައި ޕީ.އެސް.އެމްގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މަސައްކަތްކުރާ އެކައުންޓެންޓުންނާއި އޮޑިޓަރުންނަށް އަމާޒުކޮށް ބާއްވާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ފަންނީ އަދި ބިޒްނަސް ކޮމިއުނިޓީގެ ފަހުގެ މަޢުލޫމާތާއި ޓެކްނިކަލް ދާއިރާގެ ތަޖުރިބާކާރުންނާއި ރެގިއުލޭޓަރުންގެ ފަރާތުން މުހިއްމު މަޢުލޫމާތު ލިބިގެންދާނެކަމަށް ސީއޭ މޯލްޑިވްސްއިން ބުނެއެވެ. މިއަހަރުގެ ފޯރަމަށް ކަނޑައަޅާފައިވާ ތީމަކީ "ރެޑިނެސް މައިންޑްސެޓް - ސްޓްރައިވިންގ ފޯރ އެކްސެލެންސް" އެވެ.