ކުޅިވަރު

ޖެނޯއާގެ ކޯޗަކަށް ޝެވްޗެންކޯ ހަމަޖައްސައިފި


އިޓަލީގެ ޖެނޯއާގެ ކޯޗަކަށް ޔޫކްރޭނުގެ މަޝްހޫރު ފޯވާޑް އަންދްރޭ ޝެވްޗެންކޯ ހަމަޖައްސައިފިއެވެ. ޝެވްޗެންކޯ އެންމެ ފަހުން ކޯޗްކޮށްދީފައިވަނީ ނިމިގެންދިޔަ ޔޫރޯގައި އޭނާގެ އަމިއްލަ ގައުމް ޔޫކްރެއިނަށެވެ. މިދިޔަ ހޮނިހިރު ދުވަހު ޖެނޯއާއިން ވަނީ އެ ޓީމުގެ ކޯޗުގެ މަގާމުން ޑޭވިޑޭ ބަލާޑީނީ ވަކިކޮށްފައެވެ. ޝެވްޗެންކޯ ޖެނޯއާގެ ކޯޗެއްގެ ގޮތުގައި 2024 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރާނެއެވެ.

ޖެނޯއާގެ ކޯޗުގެ މަގާމާ ޝެވްޗެންކޯ ހަވާލުވިއިރު، ކޯޗިން ކެރިއަރުގައި އޭނާ މީގެ ކުރިން އިރުޝާދުދީފައިވާ ހަމައެކަނި ޓީމަކީ ޔޫކްރެއިންގެ ގައުމީ ފުޓްބޯޅަ ޓީމެވެ. އެގޮތުން ޝެވްޗެންކޯ އެންމެ ފުރަތަމަ ޔޫކްރެއިން ޓީމާ ހަވާލުވީ 2016 ވަނަ އަހަރު ފެބްރުއަރީ މަހު އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ. އެ އަހަރުގެ ޔޫރޯއަށްފަހު ޔޫކްރޭން ކޯޗުގެ މަގާމުން މައިހޭލޯ ފޮމެންކޯ ވަކިކޮށް، ޝެވްޗެންކޯއަށް ވަނީ ޤައުމީ ޓީމުގެ ހެޑް ކޯޗުކަން ރަސްމީކޮށް ހަވާލުކޮށްފައެވެ. އޭނާގެ އިރުޝާދުގެ ދަށުން ޔޫރޯގެ ކުއާޓަރ ފައިނަލްގައި އެޓީމުވަނީ ވާދަކޮށްފައެވެ. އެޓީމް ކުއާޓަރ ފައިނަލްގައި ބަލިވީ މުބާރާތުގެ ދެވަނަ ހޯދި އިންގްލެންޑް އަތުން 4 ލަނޑު 0 ލަނޑުން ބަލިވުމާއި ގުޅިގެންނެވެ.

ނިމިގެންދިޔަ ޔޫރޯގައި ޝެވްޗެންކޯގެ ކޯޗުކަމުގެ ދަށުން އެޓީމު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން އެޓީމުގައި ޝެވްޗެންކޯ މަޑުކުރާނެކަމަށް ބެލެވުނު ނަމަވެސް އޭނާވަނީ ޔޫކްރެއިންގެ ކޯޗްކަން މިދިޔަ އޯގަސްޓް މަހުގައި ދޫކޮށްލާފައެވެ. ޔޫކްރެއިންގެ ގައުމީ ޓީމްގައިވެސް ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ ޝެވްޗެންކޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2012ވަނަ އަހަރުއެވެ. ޝެވްޗެންކޯ ވަނީ ޔޫކްރެއިންގެ ގައުމީ ޓީމަށް 111 މެޗްކުޅެދީ 48 ލަނޑު ޖަހައިދީފައެވެ.