ކުޅިވަރު

ރާއްޖެ އާއި ލަންކާ މެޗު ހަވީރު 03:30 ގައި


މޫސުން ގޯސްވެގެން ފަސްކުރި މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އާއި ލަންކާ ވާދަކުރާ މެޗް މިއަދު ހަވީރަށް ތާވަލްކޮށްފިއެވެ. މިމުބާރާތުގެ ފުރަތަމަ މެޗުގައި އެންމެ ފުރަތަމަ ކުޅުމަށް ތާވަލްކުރީ ބަންގްލަދޭޝް އާއި ސީޝެލްސް މެޗެވެ. އަދި ދެވަނަ މެޗްގެ ގޮތުގައި ތާވަލްކޮށްފައިވަނީ ދިވެހިރާއްޖެ އާއި ލަންކާ މެޗެވެ. މިމެޗް ފެށުމުގެ ކުރިން ރޭ މުބާރާތް ހުޅުވުމުގެ ގޮތުން ރަސްމިއްޔާތެއްވެސް ބޭއްވުމަށް ހަމަޖެހުނެވެ. ނަމަވެސް ލަންކާގެ މޫސުން ގޯސްވުމުގެ ސަބަބުން، މިއަދަށް މެޗްތައް ފަސްކުރިއެވެ.

އެގޮތުން މިހާރު މެޗްތައް ތާވަލް ކުރި ގޮތުން ރާއްޖެ ގަޑިން މިއަދު ހަވީރު 03:30ގައި ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖެ އާއި ލަންކާ ވާދަކުރާ މެޗެވެ. ލަންކާ އާއި ރާއްޖެ މެޗް ފަސްކުރިއިރު، މިމެޗް ޝަރަފުވެރިކޮށް ދެއްވުމަށްޓަކައި ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވަނީ ލަންކާއަށް ވަޑައިގެންފައެވެ. ލަންކާގެ މޫސުން ގޯސްވެ އެގައުމަށް ބޯކޮށް ވާރޭ ވެހޭތާ މިހާރު ވަނީ ހަފްތާއަކަށް ވުރެއް ގިނަ ދުވަސްވެފައެވެ. އަދި އެގައުމަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައިވެއެވެ.

މިމުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ސްރީލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސްއެވެ. މި މުބާރާތުގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި ވާދަކުރާނީ ބަންގްލަދޭޝްއާއެވެ. އަދި ތިން ވަނަ މެޗުގައި މެޗްގައި ވާދަކުރާނީ ސީޝެލްސްއާއި ދެކޮޅަށެވެ. މުބާރާތުގެ ފައިނަލަށް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހު 19 ވަނަ ދުވަހުއެވެ.

މާލޭގައި ނިމިގެންދިޔަ އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެއިން ވަނީ ލަންކާގެ އިތުރުން ބަންގްލަދޭޝްވެސް ބަލިކޮށްފައެވެ.