ޚަބަރު

ކުރިއަށް އޮތް 3 ދުވަހު ވައިގަދަވާނެ


ކުރިއަށް އޮތް 3 ދުވަހު ރާއްޖެ ހިމެނޭ ސަރަޙައްދަށް ވައިގަދަވާނެތީ، ސަމާލުވުމަށް މުސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

ވައިގަދަވެ މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވަނީ ރާއްޖެއާ ދުރުން އަރަބި ކަނޑާއި، ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުންނެވެ.
މިއާއެކު ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި އާއްމުކޮށް ވައި ގަދަވުމާއެކު ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުވުމަށްވަނީ އިލްތިމާސްކުރައްވާފައެވެ. ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވަނީ އެދިފައެވެ.

ރާއްޖޭގެ މިވަގުތުގެ މޫސުމަށް ބަލާއިރު ދެކުނުގެ އަތޮޅުތަކަށް ޢާއްމުކޮށް ވައިޖެހޭނީ 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި އުތުރަށް ވައިޖެހެނީ ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.

ރާއްޖޭގެ ހުރިހާ ސަރަޙައްދުގެ ކަނޑުތައްވެސް އާދައިގެވަރަކަށް ގަދަވާނެއެވެ. ރާޅުތަކުގެ އުސްމިން އުޅޭނީ 3 ފޫޓާއި 7 ފޫޓާ ދެމެދުގައެވެ. އުތުރުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެކަމަށްވެސްވަނީ ލަފާކޮށްފައެވެ.

މިއަހަރުގެ އެކި ދުވަސްވަރު މިގޮތަށް ވައިގަދަވާނެތީ އެލަރޓްތައް ނެރެފައިވެއެވެ. ވައިގަދަވުމުގެ ސަބަބުން ގޭގޭގެ ފުރާޅު އެއްލާލުމުގެ ޙާދިސާތަކާ ގަސް ވެއްޓުމުގެ ހާދިސާތައް ހިނގާފައިވެއެވެ. އަދި ވައިގަދަވެ ކަނޑު ގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ޙާދިސާތައްވެސް ހިނގާފައިވެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކަނޑު އުޅަނދުފަހަރުގައި ރައްކާތެރިކަމުގެ ވަސީލަތްތައް ހަމައަށް ހުރިތޯ ބެލުމާއި ކަނޑުމައްޗަށް ނިކުންނައިރު މުސުމާބެހޭ ފުރިހަމަ މަޢުލޫމާތު ހޯދުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.