ޚަބަރު

2 ރަށެއްގެ ބަނދަރާއި 2 ރަށެއްގެ ގޮނޑުދޮށް ޙިމާޔަތް ކުރަން އެމްޓީސީސީއަށް


އިތުރު 2 ރަށެއްގެ ބަނދަރު ހެދުމާއި 2 ރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް ޙަވާލުކޮށްފިއެވެ. އެއީ ބ.ހިތާދޫގެ ބަނދަރު ހެދުމާއި ރ.ކިނޮޅުހުގެ ބަނދަރު ހެދުމުގެ މަސައްކަތެވެ. މީގެ އިތުރުން ޅ.ކުރެންދުއާއި ށ.މިލަންދޫގެ ގޮނޑުދޮށް ޙިމާޔަތް ކުރުމަށްވެސް އެމްޓީސީސީއާވަނީ ޙަވާލުކޮށްފައެވެ.

މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެފަރާތުން ސޮއިކުރެއްވީ ޒިންމާދާރު ވެރިޔާ ޒީނިޔާ އަޙްމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

ޅ.ކުރެންދޫގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު

މި މަޝްރޫއަކީ ސާޅީސް ހަތަރު މިލިޔަން ނުވަސަތޭކަ ސައުވީސް ހާސް އެއް ސަތޭކަ ސޯޅަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މިމަޝްރޫޢޫގެ ދަށުން އެ ރަށުގެ އިރުއުތުރުން 525 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓަކާއި ދެކުނު ފަރާތުގައި 155 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރަށުގެ އިރުދެކުނު ފަރާތުގައި 183 މީޓަރުގެ ބްރޭކްވޯޓަރއަކާއި ހުޅަނގުދެކުނު ފަރާތުގައި 108 މީޓަރުގެ ބްރޭކްވޯޓަރއަކާއި 35 މީޓަރުގެ 2 ބްރޭކްވޯޓަރ ޤައިމްކުރުމަށް ހަމަޖެހިފައިވެއެވެ.

މި މަސައްކަތް ކުރުމަށް އެމްޓީސީސީއަށް ޙަވާލުކޮށްފައިވަނީ 1 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

ށ.މިލަންދޫ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު

200 ދުވަހުގެ ތެރޭގައި މިރަށުގެ ގޮނޑު ދޮށް ޙިމާޔަތް ކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ ތިރީސް ހަ މިލިޔަން ހަސަތޭކަ ނުވަދިހަ ފަސް ހާސް ފަސް ސަތޭކަ ތޭވީސް ރުފިޔާއަށެވެ. މިމަޝްރޫޢޫގެ ދަށުން އެރަށުގެ އިރުމަތީ ފަރާތު ގޮނޑު ދޮށުން 954.43 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޤާއިމްކޮށް ރިވެޓްމަންޓްގެ ދެ ކޮޅުގައި 44.77 މީޓަރުގެ ބޮޑުހިލައިގެ ދެ ފައިކަށި ޤާއިމްކުރަން ވަނީ ހަމަޖެހިފައެވެ.

ބ.ހިތާދޫ ބަނދަރު ހެދުމުގެ މަޝްރޫޢު

ހިތާދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން 14،929.60 އަކަމީޓަރަށް ބަނދަރު ފުން ކުރުމާއި 4،101 އަކަ މީޓަރަށް ބަނދަރަށް ވަންނަ ނެރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 22 މީޓަރ ގޮރޮއިން ޖެހުމާއި 70 މީޓަރ ބޮޑު ހިލައިގެން ބޭރުތޮށި ލުމާއި 425 މީޓަރ ސޭންޑް-ފިލް ބްރޭކް ވޯޓަރ ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 90 މީޓަރ ރިވެޓްމެންޓް ޖެހުމާއި 4 ނެވިގޭޝަން ލައިޓް ހަރުކުރުމާއި 350 މީޓަރ އެއްގަމު ތޮށި މަރާމާތުކޮށް ޖިއޯޓެކްސައިލް ޖެހުމާއި 5 މޫރިން ބޮއި ހަރުކުރުމަށްވެސް މި މަޝްރޫޢުގައި ހަމަޖެހިފައިވެއެވެ.

17 މިލިޔަންނަށްވުރެ ގިނަ ރުފިޔާ ޚަރދަުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގައި އެ ރަށުގެ އެއްގަމު ތޮށިން ބޭރުތޮށްޓަށް އެރުމަށް ބްރިޖެއް އަޅައި ކޮންކްރީޓް ޕްލެޓްފޯމަކާއި ރޭމްޕެއް ހެދުމަށް ވަނީ ނިންމާފައެވެ. އަދި 18 މަގުބައްތި ހަރުކުރުމާއި 1750 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމަށްވެސް ހަމަޖެހިފައިވެއެވެ. މި މަޝްރޫއުގެ މަސައްކަތްތައް ނިންމުމަށް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 540 ދުވަސްތެރޭ ނިންމުމަށެވެ.

ރ.ކިނޮޅަސް ބަނދަރު ހެދުމުގެ މަޝްރޫޢު

ކިނޮޅަސް ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން 15،252 އަކަމީޓަރަށް ބަނދަރު ފުން ކުރުމާއި 31،726 އަކަމީޓަރުގެ ބައެއް ބަނަދަރަށް އިތުރުކޮށް ފުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރަށް 1،920 މީޓަރަށް، ބަނދަރަށް ވަންނަ ނެރު ފުން ކުރަންވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ ދަށުން 162 މީޓަރުގެ ގޮރޮއިން ޖެހުމާއި 285 މީޓަރު ބޭރުތޮށި ލުމާއި 65 މީޓަރަށް ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖހިފައެވެ. އަދި 186 މީޓަރަށް ސްކީރިން އެޕްރޮން ޖެހުމާއި 2 ނެވިގޭޝަން ލައިޓް ހަރުކުރުމާއި 160 މީޓަރު ކޮންކްރީޓް ކާރބް ޖެހުމާއި 186 އެއްގަމު ތޮށި ލުމަށް ހަމަޖެހިފައިވެއެވެ.

45 މިލިޔަންނަށްވުރެ ގިނަ ރުފިޔާ ޚަރދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގައި 10 މޫރިން ބޮއި ހަރުކުރުމާއި ރޭމްޕް ހެދުމާއި 18 މަގުބައްތި ހަރުކުރުމާއި 1663.36 އަކަ މީޓަރު ޕޭވްމަންޓް ހެދުމަށްވެސް ހަމަޖެހިފައިވެއެވެ.

މި މަޝްރޫއުގެ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 420 ދުވަހުގެތެރޭގައި ނިންމުމަށެވެ.