ވިޔަފާރި

މިނިމަމް ވޭޖާއެކު ރިސޯޓު މުވައްޒަފަކަށް މަދުވެގެން 12،000 ރުފިޔާ


މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަކޮށް ދެވޭ އުޖޫރައިގެ އުސޫލު ތަންފީޒުވުމާއެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަޢުދުވެވަޑައިގެންނެވިފަދައިން، މަދުވެގެން 10،000 ރުފިޔާގެ އުޖޫރައެއް ނުލިބޭ ރިސޯޓު މުވައްޒަފަކު ނުހުންނާނެކަމަށް އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޟު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މުވައްޒަފުންނަށް އެންމެކުޑަ އުޖޫރައެއްގެ ގޮތުގައި ދެވޭނެ މިންވަރު ކަނޑައަޅައި ޢާންމުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވީ، މިބަދަލާއެކު ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުންގެތެރެއިން %60 އަށްވުރެ ގިނަ މީހުންގެ މުސާރަ 2 ގުނަ ވެގެން ދާނެ ކަމަށެވެ.

ސަރުކާރުން އެންމެ ކުޑަ އުޖޫރައިގެގޮތުގައި ރިސޯޓުތަށްވެސް ހިމެނޭ ބޮޑެތި ވިޔަފާރީތަކުން މުވައްޒަފުންނަށް ދޭން ޖެހޭކަމަށް ކަނޑައަޅާފައިވަނީ ދުވާލަކު 8 ގަޑިއިރު މަސައްކަތް ކުރުމުން 8000 ރުފިޔާއެވެ. މިނިމަމް ވޭޖް ބޯޑުން ނިންމާފައިވަނީ އޮތީ މަހެއްގެ މައްޗަށް 8900 ރުފިޔާ ދިނުމަށެވެ. ނަމަވެސް ދަޢުލަތުގެ މިހާރުގެ ޙާލަތަށް ބައްލަވައި އިކޮނޮމިކް މިނިސްޓްރީން ކުރެއްވި ދިރާސާތަކުން، މި ޢަދަދަށް ބަދަލު ގެންނަން ފެނިވަޑައިގަތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސަބަބަކީ މިއީ އިޤްތިޞާދީ ހީނަރުކަމަކުން ޤައުމު އަރައިގަންނަމުންދާ ދަނޑިވަޅެއްކަމުގައި ވާތީއެވެ.

މިހުރިހާ ބަދަލަކާއެކު ސަރުކާރުގެ ވަޢުދުތަކުގެތެރޭގައި ހިމެނޭހެން، ރިސޯޓު މުވައްޒަފަކަށް މަހެއްގެ މައްޗަށް އެންމެ މަދުވެގެން 10،000 ރުފިޔާ ދެއްވާނެކަމަށް ވެވަޑައިގެންނެވި ވަޢުދު ފުދިގެން ދާނެކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނުވަތަ އެޖެންޑާ-19ގައި ކިޔަމުން އައި 10،000ރ. މި މިނިމަމް ވޭޖާއި އެކު ނުލިބޭނެ ފަރާތެއް ދެނެ ނުހުންނާނެ ދިވެހި ރާއްޖޭގެ ޓުއަރިސް ރިސޯޓެއްގައި. އެންމެ މަދުން ލިބޭ ފަރާތަށްވެސް 12،000ރ. ދިވެހި ރާއްޖޭގައި ރިސޯޓެއްގައި ވަޒީފާއަދާ ކުރާ ފަރާތަކަށް ދިވެއްސަކަށް ވިއްޔާ ލިބިގެން ދާނެ. އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި މިއަދުގެ މިހާލުގައި މާބޮޑަށްވެސް ރަނގަޅު ނިންމުންތަކެއް އެއީ." މިނިސްޓަރ ފައްޔާޟު ވިދާޅުވިއެވެ.

ރާއްޖޭގެ ތަފާސްހިސާބުތަކާ ބެހޭ އިދާރާއިން ކޮށްފައިވާ ދިރާސާއެއްގައި ދައްކާގޮތުން ރިސޯޓުތަކުގައި ވަޒީފާ އަދާކުރަނީ 35،887 މީހުންނެވެ. މިއީ ދިވެހި މުވައްޒަފުންނާއި ބިދޭސީ މުވައްޒަފުން ހިމަނައިގެން ޖުމްލަ ޢަދަދެވެ. ނަމަވެސް މިނިމަމް ވޭޖް ބިދޭސީ މުވައްޒަފުންނަށް ތަންފީޒު ކުރުމަށް އިތުރު 3 އަހަރު މަޑުކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

އެންބީއެސްގެ ސަރވޭ ރިޕޯޓު ބުނާގޮތުން ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެވްރެޖްގޮތެއްގައި އަސާސީ މުސާރައިގެ ގޮތުގައި ލިބެނީ، 300 ޑޮލަރާއި 499 ޑޮލަރާއި ދެމެދުގެ ޢަދަދެކެވެ. މިއީ ޖުމުލަ މުވައްޒަފުންގެ ތެރެއިން %53 މުވައްޒަފުންގެ އަސާސީ މުސާރައެވެ. މީގެ އިތުރަށް %17 މުވައްޒަފުންނަށް އަސާސީ މުސާރައިގެ ގޮތުގައި 300 ޑޮލަރަށް ވުރެ ދަށް މުސާރައެއް ލިބޭކަމަށް މިދިރާސާއިން ދައްކައެވެ.

ސަރުކާރުން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި ބަދަލުގެ ސަބަބުން މިސިނާޢަތުގައި ހަރަކާތްތެރިވާ 13،000 ދިވެހި މުވައްޒަފުންނަށް ފައިދާ ވެގެންދާނެއެވެ. އަދި މިހާރަށް ވުރެ 352 މިލިއަން ރުފިޔާ އިތުރަށް މިސިނާޢަތުން މުވައްޒަފުންގެ މުސާރައަށް ޚަރަދު ކުރާނެއެވެ.