ވިޔަފާރި

ރާއްޖޭގައި ވަޒީފާ ނެތް މީހުންނަށް އެލަވަންސެއް ދެނީ


ރާއްޖޭގައި ވަޒީފާ ނެތް މީހުންނަށް އެލަވަންސެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިމަން ވޭޖް އިޢުލާންކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ "އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ސްކީމެއް" ތައާރަފްކުރުމަށް، ވޯލްޑް ބޭންކާއެކު މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މިހާރު އެކަމާއި ގުޅޭ ދިރާސާތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" އެކި އެކި ސްޓޭކް ހޯލްޑާސްއާއި ވާހަކަދެކެވި، ފަރުމާކޮށް، ސްޓްރަކްޗަރ އިންނާނެ ގޮތާމެދު މަޝްވަރާކުރެވި، އުއްމީދަކީ 2022ވަނަ އަހަރު މެދުތެރޭ ހިސާބު ޕައިލެޓް ޕްރޮގްރާމް ފެށިގެންދިޔުން، އަދި އޭގެ ނަތީޖާއަށް ބަލާ މުޅި ރާއްޖެއަށް ފުޅާވެގެން ނިޒާމެއް ޤާއިމްކުރެވިގެންދިޔުން،" މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓރ ވިދާޅުވީ ރާއްޖޭގެ ވަޒީފާގެ މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

" އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ އެކްޓް އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވިފައިވާނެ އެ އެކްޓް، އެއަށް ލަފާ ލިބުމާއި އެކު އާއްމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުޅުވާލުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް އެ ބިލާ މެދު މަޝްވަރާކުރުމަށް ފޮނުވާލާނަން،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިގެންނަ ބަދަލުތަކާއެކު ރާއްޖޭގެ ވަޒީފާގެ މާޙައުލަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޤަބޫލްކުރާ ކަމަށެވެ. އަދި މިއީ އެންމެ ތަރައްޤީވެފައިވާ ޤައުމުތަކުގައި މިހާރުވެސް އަމަލު ކުރަމުންދާ ކަންތައްތައްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.