ޚަބަރު

އަލީ ވަހީދު ހާޒިރުނުވުމުން ސުޕްރީމް ކޯޓުގެ އަޑުއެހުން ކެންސަލް


ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތަށް އޭނާ ހާޒިރުނުވުމުން ސުޕްރީމް ކޯޓުގައި ތާވަލް ކުރި އަޑު އެހުން ކެންސަލް ކޮށްފިއެވެ.

ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދާ މައްސަލައިގަ ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދު 9 ޖެހިއިރަށް ވަނީ ތާވަލް ކޮށްފައެވެ. ނަމަވެސް މައްސަލަ ރައްދުވާ އަލީ ވަހީދު ހާޒިރުނުވުމުން ޝަރީއަތް ވަނީ ކެންސަލް ކޮށްފައެވެ.

ޕީޖީ އޮފީހުން ހުށައެޅި މިމައްސަލައިގައި މިހާތަނަށް ސުޕްރީމް ކޯޓުންވަނީ އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ނުގެންދިޔުމުގެ ވަގުތީ އަމުރަކާއި، ޝަރީޢަތަށް ހާޒިރުވާން އަންގައި ޗިޓް ފޮނުވުމުންވެސް އޭނާ ޝަރީއަތުގެ މަޖިލީހަށް ހާޒިރުނުވުމުގެ ސަބަބުން ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ކަނޑައަޅައި 2 މަހަށް ޖަލަށްލާން ޙުކުމެއްވެސް ކޮށްފައެވެ.

އަލީ ވަހީދު އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވާން ކްރިމިނަލް ކޯޓުން ދިން ހުއްދައާމެދު ހިތްހަމަނުޖެހޭތީ ޕީޖީން މިމައްސަލަ ހައިކޯޓަށްވެސް ހުށައެޅިއެވެ. ނަމަވެސް އެކޯޓުންވަނީ އެއީ މިވަގުތު ދަށުކޯޓުގައި ކުރިއަށްދާ މައްސަލައަކަށްވުމުން ހައިކޯޓުން އެމައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާފައެވެ.

އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގަތީ، އޭނާގެ މައްޗަށް ޖިންސީ ގޯނާގެ 7 ދަޢުވާއެއް ކްރިމިނަލް ކޯޓުގައި އުފުލާފައިވަނިކޮށެވެ. އަދި އޭނާގެ މައްޗަށް ކުރި ދައުވާތަކުގެ އަޑުއެހުންތައް ކޯޓުތަކުގައި ފަށާފައިވަނިކޮށް އިނގިރޭސިވިލާތުގައި ހުންނަވައިގެން އަލީ ވަހީދު ގެންދަވަނީ ޕްރޮސިކިއުޓަރ ޖެނަރަލާއި، ސަރުކާރުގެ އިސްވެރިންނަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުންނެވެ.

ސުޕްރީމް ކޯޓުގައި މިމައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދުއާ، ފަނޑިޔާރު ޢަލީ ރަޝީދު ހުސައިންގެ އިތުރުން ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ.