ޚަބަރު

ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައަކީ 4500 ރުފިޔާ ކަމަށް ކަނޑައަޅައިފި


ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައަކީ 4500 ރުފިޔާ ކަމަށް ކަނޑައަޅައިފިއެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ އެކަން އިޢުލާންކޮށްފައިވަނީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ހަފްލާއެއްގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު ފައްޔާޒް އިސްމާއިލްއެވެ. މި ހަފްލާގައި މިނިސްޓަރވަނީ މިކަމާއި ގުޅޭ އަމުރުގައި ސޮއިކުރައްވާފައެވެ.

ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙާއެކު، އެކުލަވާލެވުނު މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ދިވެހިރާއްޖޭގައި އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައެއް ކަނޑައެޅުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި މިނިމަމް ވޭޖް ކަނޑައެޅުމަށް މިނިސްޓަރަށް ލަފާ އެރުވުމަށް ކުރަމުން އައި މަސައްކަތްތައް ނިންމައި، އޮކްޓޫބަރުމަހުގެ ކުރީކޮޅު މިނިމަމް ވޭޖާ ގުޅޭގޮތުން ބޯޑުން މިނިސްޓަރަށް ދޭ ލަފާ ވަނީ ފާސްކޮށްފައެވެ.

މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން އެންމެ ކުޑަ އުޖޫރައިގެން ގޮތުގައި ދިނުމަށް 5700 ރުފިޔާ ކަނޑައެޅި ނަމަވެސް އެ އަދަދު ވަނީ 4500 އަށް ކުޑަކޮށްފައެވެ. މިއީ ކުދި ވިޔަފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މުވައްޒަފަކު މަސައްކަތް ކުރުމުން މަހެއްގެ މައްޗަށް ދޭންޖެހޭނެ މިންވަރެވެ. މެދު ފަންތީގެ ވިޔަފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރުމުން މަހެއްގެ މައްޗަށް މުވައްޒަފުންނަށް 7،000 ރުފިޔާ މުސާރައިގެ ގޮތުގައި ދިނުމަށްވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން ބޮޑެތި ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރުމުން، މަހަކު 8900 ރުފިޔާ ދިނުމަށް ކަނޑައެޅި ނަމަވެސް މި އަދަދުވަނީ 8000 ރުފިޔާއަށް ކުޑަކޮށްފައެވެ. އަދި ސަރުކާރުގެ އެންމެ މުވައްޒަފުން ގިނަ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ، 7000 ރުފިޔާއެވެ.

މިނިމަމް ވޭޖު ކަނޑައަޅާ އެކަން އިޢުލާންކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ އަދިވެސް ކޯވިޑުގެ ހާލަތުން އަރައިނުގަނެވޭތީ އާއި ރާއްޖޭގެ އިޤްތިސާދު ކުރިން އޮތް ހާލަަތަށް ދިޔުމަށް 2 އަހަރުވަރު ނަގާނެ ކަމަށް ލަފާކުރެވޭތީ މިނިމަމް ވޭޖުގެ އަދަދުތައް ކަނޑައެޅުމުގައި އެކަމަށް ބަލާފައިވާނެ ކަމަށެވެ.

" މިއަދު އިޢުލާންކުރާ އަދަދުތަކަކީ މިއަދުގެ ހާލަތާއި ބަލައި، ވަޒީފާ އަދާކުރާ ފަރާތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ، ވިޔަފާރިތަކަށް ދުރު މުސްތަޤްބަލުގައި ނަފާ ތަކެއް ލިބިގެންދާނެ ރީޒަނަބަލް އަދަދުތަކެއް،" މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖުލީހަށް ހުށަހަޅާފައިވާއިރު، ސަރުކާރުންވަނީ މިނިމަމް ވޭޖް ތަންފީޒުކުރުމަށާއި މުސާރަތައް ހަމަހަމަކުރުމަށް 500 މިލިއަން ރުފިޔާ އަންނަ އަހަރުތެރޭ ޚަރަދުވާނެ ކަމަށް ލަފާކޮށްފައެވެ. އަދި ޕޭ ހާމަނައިޒޭޝަން ތަންފީޒުކުރުމަށް ރާވާފައިވަނީ އަހަރުތަކަކަށް ބަހާލައިގެން ކަމުން 2023 އަދި 2024 ވަނަ އަހަރަށް ޕޭ ހާމަނައިޒޭޝަންއާއި މިނިމަމް ވޭޖް ތަންފީޒުކުރުމަށް 750 މިލިއަން ރުފިޔާ އަދި 1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.