ވިޔަފާރި

އަންނަ އަހަރުތެރޭ އެގްރޯ ބޯޓުތައް ބޭނުންކުރަން ފެށޭވަރުވާނެ: އެގްރޯނެޓު


ދަނޑުވެރިން ހައްދާ ތަކެތި އެއް ރަށުން އަނެއް ރަށަށް އުފުލުމަށް އަންނަ އަހަރުތެރޭ އެގްރޯ ބޯޓުތަށް ބޭނުންކުރަން ފެށޭވަރުވާނެކަމަށް އެގްރޯނެޓުގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވީ ރާއްޖޭއަށް އޮތް އެންމެ ބޮޑު ދައްޗަކީ އެއްރަށުން އަނެއް ރަށަށް މުދާ އުފުލުމުގައި ހުރި ދަތިތައް ކަމަށެވެ. އަދި މިހާރު އެކުންފުނިން މި މަސައްކަތުގައި ބޭނުންކުރަނީ މާލެއަށް މުދާ އުފުލާ ބޯޓުފަހަރުތައް ކަމަށް އޭނާ ވިދާޅުވިއެވެ.

" ރަށްތައް ބެހިފައި އޮންނަ ގޮތުން، ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަ ކުރިމަތިވޭ، ދިވެހި ދަނޑުވެރިން ހައްދާ ތަކެތި އެއް ރަށުން އަނެއް ރަށަށް ގެންދިޔުމަށްޓަކައި، މިހާރު މި ބޭނުންކުރަނީ ލޯކަލީ މާލެއިން މުދާ އުފުލާ ބޯޓުތަށް ބޭނުން މިކުރަނީ މިހާރު،" ހާރޫން ވިދާޅުވިއެވެ.

އެހެން ނަމަވެސް އެކުންފުނީގެ އަމިއްލަ ބޯޓު ފަހަރުތައް މަސައްކަތުގައި ބޭނުން ކުރުމަށް ތައްޔާރުވަމުންދާ ކަމަށާއި، އެގޮތުން 2 ބޯޓު ބަނުމަށްޓަކައި ފަރުމާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހާރޫން ވިދާޅުވިއެވެ.

" އެގްރޯ ބޯޓެއް ޑިޒައިންކޮށް، އެގްރޯ ބޯޓެއް އުފެއްދުމަށްޓަކައި މަސައްކަތްކުރަމުން މިދަނީ، އެ ދޯނީގެ މަސައްކަތްތަކަށް ބޭނުންވާ ފަންޑުވަނީ ލިބިފައި، ޔޫއެންޑީޕީގެ އެހީތެރިކަމާއި އެކީ، 2 ދޯންޏެއް ލިބޭނެ އިންތިޒާމްވަނީ ހަމަޖެހިފައި، " ހާރޫން ވިދާޅުވިއެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި، އެގްރޯނެޓުން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނޑުވެރިކަމުގެ މަސައްކަތްކުރަމުންދާ ފަރާތްތަކާއެކު ކޮންޓްރެކްޓްތައް ޤާއިމްކޮށް އެފަރާތްތަކާއި ގުޅިގެން މަސައްކަތްތައް ކުރަމުންނެވެ. އަދި އެއްބަސްވުން ޤާއިމްކޮށްފައިވާ ދަނޑުވެރިންނާއެކު އެގްރޯނެޓުން ދަނީ 17 ބާވަތެއް ހެއްދުމުގެ މަސައްކަތްކުރަމުންނެވެ.