ޚަބަރު

"މަހިންދަ ރާޖަޕަކްސަ ޓްރޮފީ ކަޕް 2021" ޝަރަފްވެރިކޮށްދެއްވުމަށް ރައީސް ލަންކާއަށް


މާދަމާ ސްރީލަންކާގައި ފަށާ "މަހިންދަ ރާޖަޕަކްސަ ޓްރޮފީ ކަޕް 2021" ފެށުމަށް ބާއްވާ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސްރީލަންކާއަށް ވަޑައިގަންވާނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ދަޢުވަތަކަށް މާދަމާ ރައީސް ޞާލިޙް މާދަމާ ސްރީލަންކާއަށް ވަޑައިގަންނަވާނެކަމަށެވެ.

މަބްރޫކް ވިދާޅުވީ ރައީސްގެ މި ދަތުރުފުޅަކީ، 4 ޤައުމު ހިމެނޭހެން މާދަމާ ސްރީލަންކާގައި ފަށާ "މަހިންދަ ރާޖަޕަކްސަ ޓްރޮފީ ކަޕް 2021" ފެށުމަށް ބާއްވާ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް އެޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ދެއްވި ދަޢުވަތަކަށްކަމަށެވެ.

މިމުބާރާތުގައި ވާދަކުރަނީ ސްރީލަންކާގެ އިތުރުން ދިވެހިރާއްޖެ، ބަންގްލަދޭޝް އަދި ސީޝެލްސްއެވެ.

"މަހިންދަ ރާޖަޕަކްސަ ޓްރޮފީ ކަޕް 2021" ފެށުމުގެ ރަސްމިއްޔާތު މާދަމާ ރައީސް ޞާލީހް ޝަރަފްވެރިކޮށްދެއްވާއިރު، މި މުބާރާތުގެ ދިވެހި ސަޕޯޓަރުންނަށް އަގުހެޔޮކޮށް ޓިކެޓް ލިބޭނެ އިންތިޒާމް ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގެންނެވުމާއެކު އެޤައުމުގެ އިދާރާތަކުންވަނީ ހަމަޖައްސާފައެވެ.

މިމުބާރާތުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗް ކުޅޭނީ މާދަމާ ރޭ ސްރީ ލަންކާ އާއި ދެކޮޅަށެވެ.