އިންޓަނެޓާއެކު މިހާރު ދުނިޔޭގައި ހިނގާ ކޮންމެކަމެއް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ފެތުރިގެންދާކަމަށާ، މިކަންކަމުގެ ތެރެއިން މުޖުތަމަޢުގައި އަށަގަންނުވަންވީ ރިވެތި އަޙުލާގުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ޚާއްސަކޮށް ބޮޑުވަމުން އަންނަ ޖީލު މިކަންކަމުން ފިލާފަޅު ލިބިގެންނަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނައިބުރައީސް ފައިޞަލް ނަސީމް ވިދާޅުވީ، ދުނިޔޭގައި ހިނގާ ކޮންމެ ކަމަކީ މިހާރު ވަރަށް ގާތުން ފެންނަމުންދާ ކަންކަންކަމަށާ، މިފަދަ ކަންކަމަކީ ފުންކޮށް ވިސްނައި އެއިން ކޮންމެކަމަކުން އިބުރަތް ޙާސިލްކުރަންޖެހޭ ކަމެއްކަމަށެވެ. ޚާއްސަކޮށް ބޮޑުވަމުން އަންނަ ދަރީން ތަރުބިއްޔަތުވެގެން އަންނަ ގޮތާވެސް މިކަންކަމާ ވަރަށްބޮޑަށް ގުޅި ލާމެހިގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ރަނގަޅު ވަރަށްގިނަ ކަންކަން އެބަ އާދޭ. އެ ނޫން ކަންކަން ދޫކޮށްލަންޖެހޭ. މުޖުތަމަޢުގެ ތެރެއިން މިއަންނަ ނުރައްކާތަކުން ދުރުވުން ވަރަށް މުހިންމު. ޚާއްސަކޮށް ދަރީންގެ ކިބައިގައި ރިވެތި އަޙުލާގު އަށަގަންނުވަންޖެހޭ." ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ދިރިއުޅުގައި ދިމާވާ ކޮންމެ ކަމެއްގެ ޙައްލުވެސް އޮތީ އިސްލާމް ދީނުގައި ކަމަށެވެ. އެހެންކަމުން ކަންކަން ބަލައި ހޯދާ ބަޔަކަށް ވުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ.
"މުޅި އިސްލާމް ދީނުން ދައްކުވައިދެނީ ސީދާވެގެންދާ މަގު. ދިރިއުޅުމުގައި ދިމާވާ އެކި އެކި ކަންކަމުގެ ޙައްލު އޮތީ މިމަގުން. އަޅުގަނޑު ދަންވާނީ އެންމެންވެސް ވާށޭ ކަންކަން ހޯދާ ބަލާ ބަޔަކަށް." ނައިބު ރައީސް ވިދާޅުވިއެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޖަލްސާގައި ދައުލަތުގެ އިސްބޭފުޅުންނާއި ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.