ޚަބަރު

ސިފައާއި އިނގިލީގެ ނިޝާނުން އައިޑެންޓިޓީ ވެރިފައިކުރެވޭ ޑޭޓާބޭސްއެއް ހަދަން ހުށަހަޅަނީ


މީހާގެ ސިފައާއި، އިނގިލީގެ ނިޝާނުން އައިޑެންޓިޓީ ވެރިފައިކުރެވޭ ޑޭޓާބޭހެއް ހަދަން ހުށަހަޅުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ނިންމައިފިއެވެ.

އިންފޮމޭޝަން، ޓެކްނޯލޮޖީ، ސައިންސް އަދި ކޮމިއުނިކޭޝަންގެ ދާއިރާގައި ދިވެހިރާއްޖެ އޮތް ޙާލަތު ދެނެގަނެ، އެސެސްމެންޓެއް ހެދުމަށް ހުށަހަޅުއްވާފައިވާ މައްސަލައި ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި ހާސިލް ނުވެ ހުރި ގިނަ ކަންތައްތަކެއް ހާސިލް ކުރެވޭނެ ގޮތަށް ގިނަ ހުށަހެޅުންތަކެއް ވަނީ ހުށަހަޅާފައެވެ.

މިގޮތުން ޓެކްނޯލޮޖީއާ ގުޅޭގޮތުން ހުށަހަޅާ 9 ކަމަކާއި، ކޮމިއުނިކޭޝަންއާ ގުޅޭގޮތުން 6 ކަމެއް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ޕްލޭނިންް ދާއިރާ އިންވެސް މުހިންމު ކަންތައްކެއް ވަނީ ހުށަހަޅާފައެވެ.

ޓެކްނޯލޮޖީއާ ގުޅޭގޮތުން ހުށަހަޅާ މުހިއްމު ބައެއް ކަންތައްތައް:

* ސަރުކާރުގެ ވުޒާރާތަކާއި، މުއައްސަސާތަކާއި، އިދާރާތައް ހިންގުމަށް ބޭނުންވާ އެންމެހައި ސޮފްޓްވެއަރތައް ދިރާސާކޮށް، ފަރުމާކޮށް އަދި ބަލަހައްޓާ ތަރައްޤީކުރުމަށް މުޅި ނިޒާމު އެއް ވިއުގައަކުން ގުޅުވާލެވިފައިވާ ޑިޖިޓަލް އޭޖެންސީއެއް ޤާއިމުކުރުން.
* މީހާގެ ސިފައާއި، އިނގިލީގެ ނިޝާނުން އެމީހާގެ އައިޑެންޓިޓީ ވެރިފައިކުރެވޭ، އަދި މީހާގެ ޙާލަތު ބަދަލުވަމުން އަންނަގޮތް އެ މީހަކަށް އަޕްޑޭޓްކުރެވޭގޮތައް އޮންނަ، ޚިދުމަތް ހޯދާ ފަރާތްތަކަށް އަމާޒުކުރެވި، އޭނާގެ އައިޑެންޓިޓީއަށް ބަރޯސާވާ ސެންޓްރަލް ޑޭޓާ ބޭސް ނިޒާމެއް ޤާއިމުކުރެވިފައި އޮތުން.
* ފަރުމާކުރެވޭ ނިޒާމަކީ، މުޅި ދައުލަތުގެ ތެރޭގައިވެސް އެއް މަސައްކަތެއް ތަކުރާރުކޮށް އެކި މުއައްސަސާތަކުން ކުރަން ނުޖެހޭނެހެން ފަރުމާކުރެވިފައިވާ ނިޒާމަކަށްހެދުން.

ކޮމިއުނިކޭޝަންއާ ގުޅޭގޮތުން ހުށަހެޅި މުހިންމު ބައެއް ކަންތައްތައް:

* ކުދި ވިޔަފާރިތަކަށް އުނދަގޫވާނެހެން، އެފަރާތްތަކުން ކުރާ މަސައްކަތަކުގެ ތެރެއަށް ބޮޑެތި ކުންފުނިތަކުންވަންނަމުންދާކަން ފާހަގަވެފައިވެފައިވާތީ، ވިޔަފާރީގެ ވާދަވެރިކަމަށް ހުރަސްއަޅާ ޢަމަލުތަކާއި ވިޔަފާރީގައި ހިންގޭބޭއިންޞާފު މުޢާމަލާތްތައް ހުއްޓުވައި މަނާކުރުން.
* ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް، ވާދަވެރި މާހައުލެއްގައި ފްރެކުއެންސީތައް ދޫކޮށް މެނޭޖްކުރުން.
* .ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އިން އެކުލަވާލަންޖެހޭ، އެންމެހައި ގަވާއިދުތައް ފުރިހަމައަށް އެކުލަވައިލައި ނިންމުން.

އިމްޕްލިމެންޓޭޝަން ޕްލޭން ހެދުމާއި ގުޅޭގޮތުން ހުށަހަޅާ ކަންތައްތަކުގެ ތެރޭގައި، އައި.ސީ.ޓީ ދާއިރާ އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ޓެކްނޯލޮޖީ އޮފިސަރއާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އަދި ކަމާގުޅޭ އެންމެހައި ފަރާތްތައް ގުޅިގެން ކުރިއަށް އޮތް 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި އިންފޮމޭޝަން، ޓެކްނޯ ލޮޖީ، ސައިންސް އަދި ކޮމިއުނިކޭޝަންގެ ދާއިރާގެ އިމްޕްލިމެންޓޭޝަން ޕްލޭނެއް ހެދުމަށްވެސް ކޮމެޓީން ވަނީ ހުށަހަޅާފައެވެ.

މިރިޕޯޓް ކޮމެޓީން ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.