ޚަބަރު

ކުށްތައް މަދުކުރުމަށް ރަށްރަށުގައި ފުލުހުން ގާއިމުވުމަކީ އެންމެ ހަރުދަނާ ފިޔަވަޅު: އިމްރާން



ރާއްޖޭގެ އެކި ރަށްތަކުގައި ހިންގޭ ކުށްތައް މަދު ކުރުމަށް އެޅޭނެ އެންމެ ހަރުދަނާ އެއް ފިޔަވަޅަކީ ފުލުހުން ރަށްތަކުގައި ގާއިމްވެ ތިބުންކަމަށާއި، ސަރުކާރުން ވަރަށް ރޭވުން ތެރިކަމާއިއެކު އެމަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރ. ހުޅުދުއްފާރުގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު ރާއްޖެއަށްވެސް ބަދަލުތަކެއް އަންނަމުންދާ ކަމަށާއި ޚާއްސަކޮށް މަސްތުވާތަކެއްޗާއި އެ ތަކެތީގެ ނަތީޖާއެއްގެ ގޮތުން ދެން އުފެދިގެންދާ އެހެނިހެން ކަންކަން ފެތުރިގެން ދިއުން އެއީ މިއަދު އެންމެންނަށްވެސް އެންމެ ތަކުލީފު ބޮޑުވެފައިވާ ކަންތައްކަމުގައި ފާހަގަކުރެއްވިއެވެ. އަދި ރަށްރަށުގައި ފުލުހުން ގާއިމުކުރުން އެއީ އެފަދަ ކަންކަމުން އަރައިގަތުމަށް ރައްޔިތުން ބޭނުންވާނެ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ފުލުހުންގެ ލީޑަރޝިޕުން ފުލުހުންގެ މަސައްކަތްތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކަމަށާއި، އެގޮތުން ރައްޔިތުންނާ ގާތުން ރައްޔިތުންނާ ގުޅިގެން އެކުވެރިކޮށް މަސައްކަތްކުރުމުގެ ވިސްނުމުގައި ފުލުހުން މަސައްކަތްކުރަމުންދާ ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އަވަށްޓެރި ފުލުހުންގެ ފަލްސަފާއަކީ އޭގެ ތެރެއިން، ރައްޔިތުންނާ ކޮންމެ ދުވަހަކު ދިމާވާ ކަންކަން ރައްޔިތުންނާ އެކުގައި ތިބެގެން މަޝްވަރާ ކުރެވިގެން، ޚާއްސަކޮށް މުއައްސަސާތަކާ އެކުގައި ވަކިކަހަލަ ޓީމްތަކާއި ގުރޫޕުތައް ހެދިގެން ދެވިގެންދާނެ ޚިދުމަތެއް ކަމުގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، ހުޅުދުއްފާރުގައި ގާއިމުކުރި ޕޮލިސް ޕޯސްޓަކީ ފުލުހުންގެ ޚިދުމަތުގެ އައު ގާނޫނުގައިވާ ކަންކަން ހާސިލުކޮށް އަމާޒަށް ވާސިލުވުމަށް ކުރިއަށް އެޅުނު އިތުރު ފިޔަވަޅެއްކަމުގައި ވިދާޅުވިއެވެ. އަދި 2019 ވަނަ އަހަރު ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން ކަނޑައެޅި އިރު އިސްކަންދޭނެ ހަ ކަމެއް ކަނޑައަޅާފައިވާއިރު އޭގެ ތެރޭގައި ލޯކަލް ޕޮލިސިންގ ކަނޑައަޅާފައިވަނީ އަތޮޅުތެރޭގައި ފުލުހުން ގާއިމުވެ ދެމުން ގެންދާ އަދި ކުރިއަށް އޮތް ތަނުގައި ދޭންފަށާނެ ޚިދުމަތްތަކަށް އިތުރު އަހަންމިއްޔަތުކަމެއް ދިނުމުގެ މަގުސަދުގައިކަން ފާހަގަކުރެއްވިއެވެ.

ހުޅުދުއްފާރު ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމް އެފެއާޒް އާއި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ޕޮލިސް ޕޯސްޓު ބައްލަވައިލައްވާފައެވެ.