ޚަބަރު

އިތުރު 119 މީހުން ކޯވިޑްއަށް ޕޮޒިޓިވްވެއްޖެ


އިތުރު 119 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޢަދަދު 88600 އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވި 119 މީހުންގެ ތެރޭގައި ގިނައީ އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވީ މީހުންނެވެ. އެގޮތުން އަތޮޅުތެރެއިން 96 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. އަލަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި މާލެއިން 18 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން 5 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 88635 އަށް އަރާފައެވެ. އަދި މިވަގުތު މިބައްޔަށް 2،075 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 28 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 12 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 86302އަށް އަރާފައެވެ. ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3685 ސާމްޕަލެއް ވަނީ ކޯވިޑަށް ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 245 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ