ޚަބަރު

ރާއްޖޭގެ އާބާދީގެ 44 އިންސައްތައަކީ ހިޖުރަކޮށްފައިވާ މީހުން


ރާއްޖޭގެ އާބާދީގެ 44 އިން ސައްތަ މީހުންނަކީ ހިޖުރަކޮށްފައިވާ މީހުން ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްއިން ހާމަކުރައްވައިފިއެވެ.  މިކަން ހާމަކުރެއްވީ 2014 ވަނަ އަހަރުގެ ބޯހިމެނުގެ ނަތީޖާގައި ހިމެނޭ ހިޖުރަކުރުމާބެހޭ ބައިގެ މައުލޫމާތު ހާމަކުރުމަށް ސޯލްޓް ރެސްޓްރޯންޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް މުޙައްމަދު ޒުހައިރެވެ.ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ޢާންމުކުރައްވާފައިވާ މަޢުލޫމާތަށް ބަލާއިރު، ރާއްޖޭގެ އާބާދީގައި ހިމެނޭ 338،434 މީހުންގެ ތެރެއިން 44 އިންސައްތަ މީހުންނަކީ އުފަން ރަށް ނޫން އެހެން ރަށްރަށުގައި ދިރިއުޅެމުންދާ މީހުންނެވެ. ހިޖުރަކޮށްފައިވާ އާބާދީގައި އެންމެ ގިނައީ ފިރިހެނުންނެވެ. އެއީ 54 އިންސައްތައެވެ. އަދި 46 އިންސައްތަ އެއީ އަންހެނުންނެވެ. ހިޖުރާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ތައުލީމް ޙާސިލްކުރުމާއި، ވަޒީފާއަދާކުރުމާއި، އަދި އެނބުރި ރަށަށް ދިރިއުޅުން ބަދަލުކުރުން ހިމެނެއެވެ. އެގޮތުން 25 އިންސައްތަ މީހުން ގިނަ ދުވަސްތަކެއް ވަންދެން މާލޭގައި ދިރިއުޅުމަށްފަހު އެނބުރި ރަށަށް ހިޖުރަ ކުރެއެވެ. މާލެއަށް ހިޖުރަ ކުރާ މީހުންގެ22 އިންސައްތަ މީހުން ހިޖުރަކުރަނީ ތައުލީމް ޙާސިލްކުރުމަށެވެ. 16 އިންސައްތަ މީހުން ހިޖުރަކުރަނީ ވަޒީފާ އަދާކުރުމަށެވެ.މި މައުލޫމާތުތައް އާންމުކުރައްވަމުން ފިނޭންސް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް މުޙައްމަދު ޒުހައިރު ވިދާޅުވީ، 2014 ވަނަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުގެ ނަތީޖާގައި ހިމެނޭ ވަކި ވަކި ބައިތަކާއި ގުޅޭ މައުލޫމާތު ހާމަކުރުމަށް ނިންމަވާފައިވާ ކަމަށާއި އެގޮތަށް ނިންމެވީ އެކިއެކި ކަންކަމާއި ގުޅޭ ގޮތުން މައުލޫމާތު އެއްކުރުމާއި ދިރާސާތައް ހެއްދެވުމުގައި ފަސޭހަކޮށްދިނުމަށް ކަމަށެވެ. ޒުހައިރު ވިދާޅުވީ، ބޯހިމެނުމުގެ ނަތީޖާގައި ވީހާވެސް ބޮޑަށް ސައްޙަ މަޢުލޫމާތު ހިމެނުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާ ކަމަށް އެހެންނަމަވެސް ބިދޭސީންނާގުޅޭ ފުރިހަމަ މައުލޫމާތު ހޯދުމަށް ގިނަ ދަތިތަކާއި ކުރިމަތިވި ކަމަށެވެ. ބިދޭސީންގެ ގޮތުގައި ރާއްޖޭގައި 63،637 މީހުން ދިރިއުޅޭކަމަށް ތަފާސް ހިސާބުން ދައްކައެވެ.  ރާއްޖެއަށް އެންމެ ގިނައިން ބިދޭސީން ހިޖުރަކޮށްފައިވަނީ ބަންގްލަދޭޝްއިންނެވެ. ރާއްޖޭގެ އާބާދީގައި ޖުމްލަ 402،071 މީހުން ހިމެނޭއިރު އޭގެ ތެރޭގައި ހިމެނެނީ 338،434 ދިވެހިންނާއި 63،637 ބިދޭސީންނެވެ. ހިޖުރަކުރާ ބައިގެ މަޢުލޫމާތުތައް ދައްކާ ގޮތުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން އަދަދު ވަނީ 5589 އަކަށް އަރާފައެވެ.